1445 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް އުރުުދުން އިން ސައުދީއަށް ދަތުުރުކުރި މީހުންގެ ތެރެއިން 14 މީހަކު ނިޔާވެއްޖެއެވެ.
އުރުދުންގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ސޫފިއާ ޤުދާޙްއާ ހަވަލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރާގޮތުގައި، ހައްޖަށް ދިޔަ އެގައުުމުގެ 14 މީހުން މަރުވެ، 17 މީހުން ހައްޖުގެ އަޅުކަމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. އަދި ސައުދީގެ ޖިއްދާގައި ހުންނަ އުރުދުންގެ އެމްބަސީން، މަރުވީ މީހުންގެ ޖަނާޒާ ބޭއްވުމަށް ނުވަތަ އެމީހުން އުރުދުންއަށް ގެންދިއުމާ ގުޅޭގޮތުން ސައުދީގެ ކަމާއިގުޅުންހުރި ފަރާތްތަކާއި މަޝްވަރާކުރަމުން އަންނަކަމަށް ވިދާޅުވެފައި ވެއެވެ. އަދި އެމީހުންގެ އަނބުރާ އުރުދުންއަށް ގެންދަން ބޭނުންވަނީ އެމީހުގެ އާއިލާގެ އެދުމުގެ މަތިންކަމަށްވެސް ސޫފިއާ ވިދާޅުވެފައި ވެއެވެ.
ސޫފިއާ އިތުރަށް ވިދާޅުވެފައިވަނީ ގެއްލުނު 17 މީހުން ހޯދުމުގެ މަސައްކަތް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަކަމަށެވެ.
މަރުވީ މީހުން މަރުވި އަސްލު ސަބަބު ސޫފިއާ ވިދާޅުވެފައެއް ނުވެއެވެ. އެހެންނަވަވެސް އުރުދުންގެ 6 މީހުން ހީޓް ސްޓްރޯކެއް ޖެހިގެން މަރުވިކަމަށް އުރުދުންގެ ޚާރިޖީ ވުޒާރާއިން މީގެކުރިން ބުނެފައި ވެއެވެ. އަދި، ސައުދީގައި މަރުވި މީހުންނަކީ، އުރުދުންގެ ރަސްމީ ހައްޖު މިޝަންގެ ބެލުުމުގެ ދަށުން ހައްޖަށް ދިޔަ ބައެއް ނޫންކަމަށްވެސް އުރުދުންގެ ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
ހައްޖުގެ އަޅުކަން އަދާކުރުމަށް، ދުނިޔޭގެ އެކިކަންކޮޅުތަކުން 1.8 މިލިއަނަށްވުރެ ގިނަ މުސްލިމުން މިއަހަރު ސައުދީއަށް ދަތުރުކޮށްފައި ވެއެވެ. މިދުވަސްވަރު ސައުދީގެ ހޫނުމިން މަތިކަމުން، ހާޖީން ސަމާލުވުމަށް ސައުދީގެ ކަމާއި ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.



