ދުނިޔޭގެ މިސްރާބު ހުރީ ތިން ވަނަ ބޮޑު ހަނގުރާމަޔާ ދިމާލަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިވަގުތު ސިޔާސީ ހަރަކާތްތަކާ ދުރަށް ޖެހިވަޑައިގެން ހުންނެވި ނަޝީދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔޭގެ ބޮޑެތި ބާރުތަކުން އެ ގައުމުތަކުގެ އަސްކަރިއްޔާއަށް މަސައްކަތް ކުރަން މަޖުބޫރު ކުރުވަމުން ދާ ކަމަށެވެ.
އަދި ހަތިޔާރު އިތުރު ކުރުމަށް ގިނަ ގައުމުތަކުން މަސައްކަތް ފަށާފައިވާއިރު އެކަމަށް ބޮޑު ހޭދައެއްވެސް ކުރަމުން ދާ ކަމަށެވެ.
ނަޝީދު ވިދާޅުވީ އެކަން ވެސް މިހާރު ވާދަވެރިކަމަކަށް ވެފައިވާ ކަމަށާ މޮޅު ލިބެނީ ނުފޫޒުގަދަ ގައުމުތަކަށް ކަމަށެވެ.
އޭގެ އިތުރުން ހިޖުރަ ކުރުމާއި ދެކޮޅުވުމާއި ނަސްލީ ތަފާތު ކުރުންތައް އިތުރުވަމުން އަންނަ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އަދި ވިދާޅުވީ ވިސްނުންތެރި ކަމާއެކު ކަންކަން ކުރާނެ ވެރިއަކު ނާންނާނަމަ، މިސްރާބު ހުރީ ތިންވަނަ ބޮޑު ހަނގުރާމައަކާ ދިމާލަށް ކަމަށެވެ.



