ރޭ ފަތިހު 3:00 ހާއިރު މަޖީދީމަގުގައި ހުންނަ އަންހެނުންގެ އަންޑަރ ގަރމަންޓްސްއަށް ޙާއްސަ ފިހާރަ “ ސޮރީ ބޯއިސް“ ގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަންކޮށްފިއެވެ. މިކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 3:45 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
”ސައުވީސް“ ގެ ފަރާތުން މި ފިހާރައިގެ ވެރިފަރާތް އަޙްމަދު މުޙައްމަދާއި ސުވާލު ކުރުމުން ބުނީ އެފަރާތަށް މި ހާދިސާ ހިނގިކަން އެނގިފައިވަނީ ފަތިހު 03:30 އެހާއިރުކަމަށެވެ.
”ފިހާރައަށް ލިބުނީ ވަރަށް ބޮޑު ގެއްލުމެއް. ސީދާ ގެއްލުންވީ ކިހާ އަދަދަކުންކަން އެނގޭނީ މިހާރު އިންވެންޓަރީ ހަދާލީމަ“ – ސައުވީސް އާއި ވާހަކަ ދައްކަމުން ފިހާރައިގެ ވެރިފަރާތް އަހުމަދު ބުންޔެވެ.
ފުލުހުންނާއި ތަނުގެ ވެރިފަރާތުން ފަތިހު ފިހާރަ ދޮށަށް ދިޔައިރު ދޮރުމަތީގައި އަދި މަޖީދީމަގާއި ޖެހިގެން ކަނާތްފަރާތުން ހުރި ގޯޅީގެ މެދުގައިވެސް އެ ފިހާރައިން ވިއްކާ އެކި ވައްތަރުގެ އަނޑަރ ގަރމަންޓްސް އުކާލާފައިވާތަން ފެންނަން ހުރި ކަމަށް އެފަރާތްތަކުން މައުލޫމާތު ދިނެވެ.
މިއަދު ހެނދުނު 09:30 އެހާއިރު އަލުން ބިއްލޫރިގަނޑު އަޅުވާފައިވާކަމަށް ފިހާރައިގެ ފަރާތުން އެމަސައްކަތާއި ހަވާލުވެ ހުރި ފަރާތުން މަޢުލޫމާތު ދެމުން ބުންޏެވެ.
މި މައްސަލަ މިހާރު ފުލުހުން ދަނީ ތަހުޤީގު ކުރަމުންނެވެ.



