ހުއްދަނެތި، ގަވާއިދާ ހިލާފަށް މީހުން އަރުވައިގެން މާލެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި އުޅަނދެއް ހުއްޓުވައި ޓޯކޮށްފިއެވެ.
ފުލުހުން ބުނީ އެ އުޅަނދު ހުއްޓުވައި ބަލައި ޗެކުކުރި އިރު އެއީ ބީ ޒޯންގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ކަމަށެވެ.
ބީ ޒޯންގައި ރަޖިސްޓްރީ ކޮށްފައިވާ އެ އުޅަނދު ދުއްވީ އޭ ޒޯން ބޯޑު ޖަހައިގެން ކަމަށާ އުޅަނދުގެ އަހަރީ ފީ ވެސް ނުދައްކާ އޮތް ކަމަށް ފުލުހުން މީޑިއާތަކަށް މައުލޫމާތު ދިނެވެ.
ފުލުހުން ބުނީ، އެހެންކަމުން، ފިޔަވަޅު އަޅައި މިހާރު އެ އުޅަނދު ޓޯކޮށްފައިވާ ކަމަށެވެ.
މިފަދަ މައްސަލަތައް އިތުރުވަމުންދާއިރު ގިނަ ބަޔަކު އެކަމާމެދު ކަންބޮޑުވުން ވެސް ދަނީ ފާޅުކުރަމުންނެވެ.
މިފަދަ މައްސަލަތަކުގައި ހިފަހައްޓާ އުޅަނދުތައް ހުންނަނީ އޭގެ އެތެރޭގައި ތިބޭ މީހުން ބޭރަށް ނުފެންނަ ގޮތް ހެދުމަށް މަތިން ވައި ވަންނަވަރުގެ ކުޑަ ތަންކޮޅެއް ބޭންދުމަށް ފަހު، ވަށައިގެން ފިލާ ނުވަތަ ޓިނު ޖަހައި ބަންދުކޮށްފައެވެ.


