ރޭ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޖަރުމަނާއި ހަންގޭރީ ބައްދަލު ކުރި މެޗު 0-2 އިން މޮޅުވެ، ޖަރުމަނުން ގަދަ 16 (ދެވަނަ ބުރު) ގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
ޖަރުމަނު ގެ ޒުވާން ތަރި ޖަމާލް މުސިއާލާ އާއި، ކެޕްޓަން އިލްކޭ ގުންޑޮގަން ޖަހައިދިން ގޯލަކާއިއެކު ޖަރުމަނުން މިވަނީ ދެވަނަ ބުރަށް ދަތުރު ކުރި ފުރަތަމަ ޓީމަށް ވެފައެވެ.
ހަންގޭރީ ގެ ޑިފެންޑަރުން ހެދި ގޯހަކާއި ގުޅިގެން މެޗުގެ 22 ވަނަ މިނެޓުގައި 21 އަހަރުގެ މުސިއާލާ ޖަރުމަނަށް ލީޑު ނަގައިދިނީ އެ ޓީމުގެ ކެޕްޓަން ގުންޑޮގަން ގެ އެސިސްޓަކުންނެވެ. މުސިއާލާ ގެ ގޯލު ޖެހުމުގެ ތެރޭގައި ގުންޑޮގަން ހަންގޭރީ ގެ ޑިފެންޑަރަކަށް ފައުލް ކުރި ކަމަށް އެ ޓީމުން ރެފްރީ ކައިރީ ޝަކުވާ ކުރި ނަމަވެސް ރެފްރީ ނިންމީ އެއީ ސައްހަ ގޯލެއް ކަމަށެވެ.
ޖަމާލް މުސިއާލާ މި މެޗުގައި ޖަހައިދިން ގޯލާއިއެކު ޔޫރޯ 2024 ގައި އޭނާގެ ޖުމްލަ ގޯލް ގެ އަދަދު މިވަނީ 2 އަށް އަރާފައެވެ. މުސިއާލާ ގެ ފަރާތުން މެޗުގައި ހިތްގައިމު ކުޅުމެއް ފެނިގެން ދިޔައެވެ. އޭނާ ވަނީ މެޗުގައި އެތައް ފަހަރަކު ފަސޭހަ ކަމާއިއެކު ހަންގޭރީ ގެ ޑިފެންޑަރުން ކައިރިން ކޮށްޓާ އެ ޓީމުގެ ޑިފެންސް ފޫއަޅުވާލާފައެވެ.
މެޗުގައި ހަންގޭރީ ގެ ފަރާތުން މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔަކަށް ފާހަގަ ކޮށްލެވެނީ އެ ޓީމުގެ ކެޕްޓަން އަދި ލިވަޕޫލްގެ މިޑްފީލްޑަރު ޑޮމިނިކް ސޮބޮޒްލޮއީ އެވެ. މެޗުގެ 25 ވަނަ މިނެޓުގައި އޭނާ ސީދާ ގޯލާ އަމާޒުކޮށް ޖެހި ހިލޭ ޖެހުމެއް ޖަރުމަނު ގެ ގޯލް ކީޕާރު މެނުއަލް ނޯއާ އަށް މަތަ ކުރެވުނީ ހަމަ ކިރިޔާއެވެ. މި މޮޅު ހިލޭ ޖެހުމުގެ އިތުރުންވެސް ސޮބޮޒްލޯއީ ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
މެޗުގައި މޮޅު ކުޅެމެއް ދެއްކި އަނެއް ކުޅުންތެރިޔަކީ ޖަރުމަނުގެ ކެޕްޓަން އަދި ބާސެލޯނާގެ މިޑްފީލްޑަރު އިލްކޭ ގުންޑޮގަން އެވެ. މެޗުގެ 67 މިނެޓުގައި ޖަރުމަނުގެ ދެވަނަ ގޯލު ޖަހައިދިން ގުންޑޮގަން ވަނީ މެޗުގައި މުހިންމު ގިނަ ޕާސް ތަކެއް އޭނާގެ ޓީމުގެ ކުޅުންތެރިންނަށް ފޯރުކޮށްދީފައެވެ. އެއް ގޯލާއި އެއް އެސިސްޓާއިއެކު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ (މޭން އޮފް ދަ މެޗް) ގެ އެވޯޑުވެސް ލިބުނީ ގުންޑޮގަން އަށެވެ.


