ހުޅުމާލޭ ފޭސް 3 ބިން ހިއްކުމުގެ މަޝްރޫއު މި އަހަރު ތެރޭގައި ނިންމާލުމަށް އަމާޒުހިފާފައި ވާ ކަމަށް އެ މަސައްކަތާއި ހަވާލުވެފައިވާ ކުންފުނި، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަންސް (ސީއެމްސީ) އިން ބުނެފިއެވެ.
ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫއު ގެ މައުލޫމާތު މީޑިއާތަކާއި ހިއްސާ ކުރަމުން މިއަދު ސީއެމްސީގެ މެނޭޖިން ޑިރެކްޓަރު ސިވަރާޖާ މަނިވަންނަން ބުނީ އޯގަސްޓު މަހު އިތުރު ޑްރެޖަރެއް ގެނެސް ބިން ހިއްކުމުގެ މަޝްރޫއު ގެ ސްޕީޑު އިތުރު ގިޔަރަކަށް ޖައްސާނެ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން ބިން ހިއްކުމުގެ މަޝްރޫއު ނިންމާލުމަކި އެ ކުންފުނީގެ އަމާޒު ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް މިދިޔަ ސެޕްޓެމްބަރު ފަށައިގެން ކުރިޔަށްގެންދަނިކޮށް، މަސައްކަތް މެދުކަނޑާލަންޖެހުނީ، ރާއްޖޭގައި ގައު ހުދުވުމުގެ މައްސަލަ ނުރައްކާ މިންވަރަށް ދިއުމާގުޅިގެން ރައްކާތެރިކަމެއްގެ ފިޔަވަޅެއްގެގޮތުން، ބިން ހިއްކުމުގެ މަޝްރޫޢުތައް މަޑުޖައްސާލުމަށް އެންވަރަޔަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ އެންގުމުގެ މަތިންނެވެ.

ސީއެމްސީގެ އެމްޑީ ސިވަރާޖާ ބުނީ ތިމާވެއްޓަށް ގެއްލުން ނުލިބޭ ގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދިޔުމަކީ އެ ކުންފުނިން އެންމެ އިސްކަމެއް ދޭ އެއް ކަންތައް ކަމަށެވެ. އަދި އީޕީއޭ ގެ އެންގުމާއީ އެއްގޮތަށް ވަގުތުން ބިން ހިއްކުމުގެ މަސައްކަތްތައް އެ ކުންފުނިން ހުއްޓާލާފައިވާނެ ކަމަށް އޭނާ ބުންޔެވެ.
“ އީޕީއޭގެ އެންގުމާއި އެއްގޮތަށް ސީއެމްސީއިން އިން ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލިން. އެހެން ނަމަވެސް މަސައްކަތައް ބޭނުންވާ އާލާތްތަކާއި ޑްރެޖަރުތައް އަނބުރާ ނުގެންދަން. އެއީ އަލުން ހުއްދަ ލިބުމުން އަވަހަށް މަސައްކަތް ފެށުމަށްޓަކާ ނިންމި ނިންމުމެއް. “ ނޫސްވެރިންނާ ވާހަކަ ދައްކަމުން ސިވަރާޖާ ބުންޔެވެ.
ބިން ހިއްކާ ސަރަހައްދުގެ ފަޅު ތެރޭގައި އަޅާފައިވާ އުޅަނދުތައް މި މަހު 23 ގެ ކުރިން ނެގުމަށް އެޗްޑީސީ އިން އަންގާފައި އޮތް ނަމަވެސް، މިވަގުތުވެސް ބައެއް އުޅަނދުތައް އެ ސަރަހައްދުގައި އަޅާފައި އެބަ އޮތެވެ. ސީއެމްސީގެ އެމްޑީ ސިވަރާޖާ ބުނީ ބިން ހިއްކުމުގެ މަސައްކަތް ތައް ކުރިޔަށް ގެންދަން ބޭނުންވަނީ އެ ސަރަހައްދުގައި އޮތް ސަފާރީތައް ފަދަ އުޅަނދުތަކަށްވެސް ގެއްލުމެއް ނުވަތަ ދަތިކަމެއް ކުރިމަތި ނުވާނެ ގޮތަށް ކަމަށެވެ.
“ ބައެއް ސަފާރީތައް އަދިވެސް މި ސަރަހައްދުގައި އެބައޮތް. ސީއެމްސީއިން މަސައްކަތްތައް ކުރިޔަށް ގެންދާނީ އެ ސަފާރީތައް އެހެން ސަރަހައްދަކަށް ބަދަލުވާން ފުރުސަތު ދީގެން، އެކަމަށް ވިސްނައިގެން“ ސިވާރާޖާ ބުންޔެވެ.
ފޭސް-3ގެ ބިން ހިއްކުމުގެ މަޝްރޫއު އެޗްޑީސީ އިން ހަވާލުކޮށްފައިވާ އިނގިރޭސިވިލާތުގެ ކުންފުނި ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އަކީ މީގެ ކުރިންވެސް ރާއްޖޭގައި އެކި މަޝްރޫއު ތައް ހިންގާފައިވާ ކުންފުންޔެކެވެ.




