މަލިކުގައި މިހާރު ދިރިއުޅޭ މީހުންގެ ކާބަފައިންނަކީ ދިވެހިރާއްޖެއިން މަލިކަށް ވަޑައިގެންނެވި ދެ ރަސްދަރިކަނބަލުން ކަމަށްވާ ކަނބޯރަނިންނާއި ކޮހޮރަތު ކަމަނާއާއި އެބޭފުޅުންނާ އެކީ މަލިކަށް ދިޔަ ބަޔަކު ކަމަށް މަލިކު މުސްކުޅިން ކިޔައެވެ. މީގެ އިތުރުން ބޮޑުތަކުރުފާނު ވާހަކަޔާ މަސްހުނިވެ އޮޅިފައި އޮންނަ އެމީހުންގެ ބޯދާ ވާހަކައެއްގައި ބުނާ ގޮތުން މަލިކު ހޯއްދެވި ދިވެހިރާއްޖެއިން ދިޔަ ނުވަތަ އެހެން ރިވާޔަތެއްގައި ކިޔާ ގޮތުންނަމަ ސިލޯނުން ދިޔަ ބޮޑުތަކުރުފާނޭ ކިޔުނު މީހެކެވެ. އޭނާ މަލިކު ހޯދައި މަލިކުގައި އެކަމުގެ ހަނދާނަކަށް ޝަހާދަތުގެ ދެ ކަލިމަ ލިޔެފައިވާ ގަލެއް ބަހައްޓާފައި ދިޔައީއެވެ. އޭނާ ދެވަނަ ފަހަރަށް މަލިކަށް ދިޔައިރު މަލިކުގައި ތީވަރުންނޭ ކިޔުނު ބަޔަކު ވަޒަންވެރިވެ އުޅޭތީ ފެނިގެން ރަށުގެ މައްޗަށް ދައުވާކޮށް އޭނާ ބެހެއްޓި ގާ ދެއްކުމުން އެމީހުން އޭނާގެ ނޯކަރުން ކަމުގައި ވެގެން އެރަށުގައި އުޅުމުގެ ހުއްދަ ދިނެވެ. ފަހުން އޭނާގެ ދެ ދަރިން ކަމުގައިވާ ކަނބޯރަނިންނާއި ކޮހޮރަތުކަމަނާއާ ދެމީހުން ދިވެހިރާއްޖެއިން މީހުންނާ ކައިވެނިކޮށްގެން އައިސް އެރަށުގައި ވަޒަންވެރިވެ ދަރިފަސްކޮޅު އުފެދުނެވެ.

ކޮންމެއަކަސް މި ބޯދާ ވާހަކަތަކުން ވެސް އެނގޭ ކަމަކީ މަލިކަކީ ބޯދާ ޒަމާނުއްސުރެން ދިވެހިރާއްޖެއާ ގުޅި ލާމެހިފައިވާ ރަށެއް ކަމެވެ. ދިވެހިރާއްޖޭގެ ބޯދާ މުސްކުޅި ތާރީޚުގައި މަލިކު ދިވެހިރާއްޖޭގެ އަތޮޅެއްގެ ގޮތުގައި ހިމަނާފައިވާކަން އެނގޭ ތާރީޚީ ލިޔެކިޔުންތަކެއް މިހާރަކު ފެންނާކަށް ނެތެވެ. ދިވެހި ތާރީޚު ދިރާސާކުރެއްވި އަލްއުސްތާޛް އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވާފައި ވާ ގޮތުން މަލިކަކީ ކަޅު މުޙައްމަދު ރަސްގެފާނުގެ ރަސްކަމާ ހަމައަށް ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން އަތޮޅެކެވެ. މަލިކު އަލީރާޖާގެ ބާރުގެ ދަށަށް ދިޔައީ ކަޅު މުޙައްމަދު ރަސްގެފާނު ގެއްލިވަޑައިގެންނެވި ރަސްކަން އަލުން ހޯއްދަވަން އަލީރާޖާގެ އެހީތެރިކަން ހޯއްދެވި ހޯއްދެވުމުގެ ތެރެއިންނެވެ. އެއީ މީލާދީން 1500 ގެ އަހަރުތަކުގެ ތެރެއެވެ.
މީލާދީން 1600 ގެ ކުރީކޮޅު ފަރަންސޭސިވިލާތުގެ ޕީރާޑް ދިވެހިރާއްޖެއިން ފުރައިގެން މަލިކަށް ދިޔައިރު މަލިކަކީ ބަހާއި އާދަކާދައާއި ނަސްލުގެ ގޮތުން ދިވެހި ރަށެއް ކަމަށާއި، އެއްއިރެއްގައި މަލިކު އޮތީ ދިވެހިރާއްޖޭގެ ދަށުގައި ކަމަށާއި، އޭރު ހުންނެވި ރަސްކަލަކު އެރަދުންގެ ކޮއްކޯފުޅަކަށް މަލިކު ހިބައިން ދެއްވީ ކަމަށް އޭނާ ލިޔެފައި އޮވެއެވެ. ޕީރާޑް ބުނާގޮތުން ފަހުން އެ ބޭފުޅަކު ކަންނަންނޫރު އަލީރާޖާއަށް މަލިކު ދިނީއެވެ. އޭރު މަލިކުގެ ވެރިޔަކަށް ހުންނެވީ ކަލާފާނު ރަސްގެފާނުންގެ ތިމާގެ އަންހެން ބޭފުޅެއް ކަމަށާއި، މާލޭގެ ގަނޑުވަރު ތެރެއިން އެބޭފުޅަކު ފެނިފައިވާކަމަށް ޕީރާޑް ލިޔެފަ އޮވެއެވެ.
އަލީރާޖާ ދަށުގައި މަލިކު އޮއްވާ އަލީރާޖާގެ ތުރާ ބޮޑުވެގެން އިސްކަންދަރު ރަސްގެފާނު މަލިކު އަލުން ހިއްޕަވައި ރާއްޖޭގެ ދަށަށް ގެންނެވިއެވެ. މިކަން ހިނގި ސީދާ ތާރީޚު އެނގެން ނެތަސް ލަފާކުރެވޭ ގޮތުން އެ އަހަރަކީ އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުން ދެވަނަ އަހަރު ކަމުގައި ވި 1649 ވަނަ އަހަރެވެ. އޭގެ ފަހުން 100 އަހަރަށްވުރެ ގިނަ ދުވަސްވެފައި ވަނިކޮށް ކޮރު ބަންޑާރައިންގެ ރަސްކަމުން ދެވަނައަށް ވީ 1752 ވަނަ އަހަރު އަލީރާޖާ ދިވެހިރާއްޖެއަށް ހަމަލާދީ ހިފަން އައި ފަހަރު މަލިކު ވެސް ހިފިއެވެ. އެ ހިފި ގޮތަށް މަލިކު ދިވެހިރާއްޖޭގެ ދަށަކަށް ނާދެއެވެ. އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި މަލިކު ހިފި ދުވަހުން ފެށިގެން ކޮރު ބަންޑާރައިންގެ ރަސްކަމާ ހަމައަށް ފެންނަން ހުރި ރަސްމީ ލިޔެކިޔުންތަކުގައި ދިވެހިރާއްޖޭގެ ސަރަހައްދު ބަޔާންކޮށްފައި އޮންނަނީ މަލިކައްޑޫގެ ގޮތުގައެވެ.

1752 ގައި އަލީރާޖާގެ ދަށަށް މަލިކު ދިޔުމަށްފަހު، 1790 ގައި އަލީރާޖާގެ އަތުން ބްރިޓިޝް އީސްޓް އިންޑިޔާ ކޮންޕެނީއަށް މަލިކު ލިބި، އިންޑިޔާ ބައްރުގެ އެކި ގައުމުތައް އެއްކޮށްލައިގެން އިނގިރޭސީން އުފެއްދި ބްރިޓިޝް އިންޑިޔާގެ ރަށަކަށް މަލިކުވިއެވެ. އެހެންނަމަވެސް އޭރު ވެސް މަލިކު އޮންނަނީ ދިވެހިރާއްޖެއާ ވަރަށް ގުޅުން ބޮޑު ތަނެއްގެ ގޮތުގައެވެ. މީލާދީން 1800 ގެ ފަހުކޮޅު ”އަތިރީގޭ ޕާޓީ“ އާއި ”ކަކާގޭ ޕާޓީ“ ގެ ސިޔާސީ ކޯޅުމެއްގެ ތެރެއިން ކުރީގެ ބޮޑުވަޒީރު ކަކާގޭ މުޙައްމަދު ރަންނަބަނޑޭރި ކިލެގެފާނު، އެ ކިލެގެފާނުގެ ދެއަޚުންނާއެކީ ދިވެހިރާއްޖެ ދޫކުރައްވައި މަލިކަށް ވަޑައިގެންނެވީމާ ބްރިޓިޝް އިންޑިޔާގެ މެޑްރާސް ސަރުކާރުން އޭނާއަށް މަލިކުގެ ވެރިކަން ދިނެވެ. މިގޮތުން މަލިކުގެ ވެރިކަމުގެ މަގާމުތަކުގައި މާލޭ ކަކާގެއަށް ނިސްބަތްވާ ބޭފުޅުން ވަރަށް ފަހަކާ ޖެހެންދެން ވެސް އުޅުއްވިއެވެ.

އިންޑިޔާ މިނިވަން ވުމަށްފަހު މަލިކުގައި ނެގި ފެންނަ ނުފެންނަ ވޯޓެއްގައި ޕާކިސްތާނާއި އިންޑިޔާގެ ތެރެއިން މަލިކުމީހުން އިޚްތިޔާރުކުރީ އިންޑިޔާކަމަށް ބުނެވެއެވެ. މި ފެންނަ ނުފެންނަ ވޯޓަކީ އާއްމުކޮށް ނެގުނު ވޯޓެއްކަމަށް ނުބެލެވެއެވެ. ސަބަބަކީ މަލިކު މީހުންގެ ތެރެއިން އެފަދަ ކަމެއް ހިނގިކަމުގެ ހަނދާންހުރި ދުވަސްވީ މީހަކު ނެތުމުންނެވެ. ފަހަރުގައި ރަށުގެ އަވަށް އަވަށުގެ ވެރިން އިންޑިޔާގެ މަނަވަރަކަށް ގެންގޮސް ނެގުނު ސިއްރު ވޯޓަކަށްވުން ވެސް އެކަށީގެންވެއެވެ. ކޮންމެއަކަސް ވޯޓަކާ ނުލައި ވެސް 1947 ގައި އިންޑިޔާ މިނިވަން ވީއިރު މަލިކު އޮތީ އޭރުގެ އިންޑިޔާގެ ޕްރޮވިންސެއް ކަމަށްވާ މެޑްރާސް ޕްރެސިޑެންސީގެ މަލަބާރް ޑިސްޓްރިކްޓްގެ ރަށެއްގެ ގޮތުގައެވެ. އޭގެ ފަހުން 1956 ގައި އިންޑިޔާގެ ސްޓޭޓްތަކާއި ސަރަހައްދުތައް އަލުން އަތުރާލައި ތަރުތީބުކުރިއިރު މަލިކު ވީ އިންޑިޔާގެ ޔޫނިއަން ޓެރިޓަރީ އޮފް ލެކެޑިވް، މިނިކޯއި އެންޑް އަމިންޑިވީ އައިލެންޑްސްގެ ބަޔަކަށެވެ. 1973 ގައި އެ ޔޫނިއަން ޓެރިޓަރީގެ ނަން ލަކްޝަދްވީޕަށް ބަދަލުކުރިއެވެ.
1956 ގައި މަލިކު އިންޑިއާގެ ލެކެޑިވް، މިނިކޯއި އެންޑް އަމިންޑިވީ އައިލެންޑްސްގެ ބަޔަކަށް ވުމާ ހަމައަށް ދިވެހިރާއްޖެއާއި މަލިކާ ދެމެދު ދަތުރުފަތުރުކޮށް އުޅުނެވެ. އެހެންނަމަވެސް އޭގެ ފަހުން އެގޮތަށް ސީދާ ދަތުރުކުރުން މަނާވިއެވެ. އެހެންނަމަވެސް އޭރު އަދި ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދު ސަރަހައްދީ އިމުގެ އެއްބަސްވުމެއް ގާއިމުކޮށްފައެއް ނުވެއެވެ. ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދު ކަނޑުގެ ސަރަހައްދީ އިން ކަނޑައަޅައި މިފަދަ އެއްބަސްވުމެއް ގާއިމުކުރީ 28 ޑިސެންބަރު 1976 ގައެވެ. ދިވެހިރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މަލިކު އައުގޯތު މުހައްމަދު މާލިމީގެ ދަރިކަނބަލުން މަލިކު ސެރިއްކަލް ދޮންމަނިކަގެ ދަރިކަލުން މާލޭ ކަކާގޭ އަޙްމަދު ހިލްމީ ދީދީއެވެ.





1 Comment
ވަރަށް ޝައުގުވެރިކަމާއެކު ކިޔާލެވުނު ލިޔުމެއް. ނާޖިހު ދީދީގެ މިފަދަ އިތުރު ލިޔުން މި ނޫހުން ފެންނާނެ ކަމަށް އުއްމީދުކުރަން. މިލިޔުން ކިޔާލިއިރު އުފެދުނު ސުވާލަކީ އަލީރާޖާގެ އަތުން މަލިކު ސަލާމަތްކުރުން ފަހުގެ ރަސްރަސްކަލުން ނުއުޅުއްވީ ކީއްވެގެންބާއޭ؟