މިމަހުގެ 1 ވަނަ ދުވަހު ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންއިން ވަނީ މާލޭގައި ހުންނަ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން އޮޕަރޭޝަނަލައިޒްކޮށްފަ އެވެ. އޭގެ މާނައަކި އެތަނަށްގެންދާ ކުނި އެދުވަހުން ފެށިގެން ތިލަފުށްޓަށް ގެންދަނީ ކުނިތަށް ވަކިކޮށް ކޮންޓެއިނަރުތަކުގައި ބަންދުކުރެވިގެންނެވެ.
ވެމްކޯއިން ފާހަގަ ކުރާ ގޮތުގައި މިގެނައި ބަދަލާއެކު، އެތަނުން ޚިދުމަތް ލިބިގަންނަ ފަރާތްތަކާއި އާންމުންނަށާއި، އަދި އެ ސަރަހައްދުގެ ޓްރެފިކަށް ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށެވެ.
މިހާރު ގެނައި ބަދަލާއެކު ވެމްކޯއަށް ކުނި ހިފައިގެންދާ އުޅަނދުތަކުން ކުނި ހުސްކުރަން ކަނޑައަޅާފައިވަނީ އެ އިމާރާތުގެ 1 ވަނަ ފަންގިފިލާއެވެ. މި ގެނައި ބަދަލު ސައުވީހާ ހިއްސާކުރައްވަމުން ވެމްކޯގެ ޑީއެމްޑީ މުހައްމަދު އަބްދުލް ކަރީމް(ރުކުމާ) ވިދާޅުވީ، މި ބަދަލާއެކު ކުނި އުކާލަންދާ އުޅަނދުތައް ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަށް ވަދެ ރޭމްޕުން އަރައިގެން އެއްވަނަ ފަންގި ފިލާއަށް އަރައި، އެއްވެސް ދަތިކަމެއްނެތި ކުނި ހުސްކޮށްލެވޭނެއެވެ.
”ކުނި ހުސްކުރާ އުޅަނދަށް ޚިދުމަތްދޭން ޚާއްސަ 5 ސްލޮޓެއް ގާއިމުކޮށްފައިވޭ. އެ 5 ސްލޮޓުންވެސް އެއްފަހަރާ މަސައްކަތް ކުރިޔަށްގެންދާނެ. އެދިމާ ގްރައުންޑް ފްލޯގައި ހުންނާނީ ކޮންޓެއިނަރު ބެހެއްޓިފައި. އެހެންކަމުން ކުނި ވަކިކުރެވިގެން މިކޮންޓެއިނަރުތަކަށް އެޅޭނެ. އަދި އެކޮންޓެނަރުތައް ބަންދުކޮށްފައި ތިލަފުށްޓާ ހަމަޔަށް ގެންދެވޭނެ.“ ރުކުމާ ވިދާޅުވި އެެވެ.
މީގެ ކުރިން ތިލަފުއްޓަށް ކުނި ގެންދަނީ ލޭންޑިންގ ކްރާފްޓްތަކަށް އޮއްސައިގެންނެވެ. އޭރު ކުނި ހުަސްކުރަމުން ދިޔައީ ކުނިގެންދާ އުޅަނދުތައް ވަކި ވަކިން ލޭންޑިންގ ކްރާފްޓަށް އަރައިގެންނެވެ. މިއީ ކުނި ގެންދާ އުޅަނދުތަކަށް ބައެއް ހާލަތްތަކުގައި ގެއްލުން ލިބޭ އަދި ތަކުލީފު ބޮޑު އޮޕަރޭޝަނެކެވެ.
”ބައެއް ޕިކަޕުތަކަށް ލޭންޑިންގ ކްރާފްޓާ ހަމަޔަށް ނުއެއް އެރޭ. އެވަރުގެ ފެންވަރު ރަނގަޅުވެހިކަލްތަކެއް ނޫން ގިނަފަހަރު ހުންނަނީ. ބޭނުންކުރަމުން އަންނަނީ. އަދި ލޭންޑިންގ ކްރާފްޓަށް އެރިޔަސް ހައިމާކް ދަތްގަނޑުން ބައެއް ފަހަރު ޕިކަޕަށްވެސް ގެއްލުންވާ ފަހަރު އާދޭ.“ ރުކުމާ ވިދާޅުވި އެވެ.
ރުކުމާ ވިދާޅުވީ، ކުނި ހިފައިގެން ދާ ފަރާތްތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ފަރާތްތަކަކީ ޕްރައިވެޓް ކަލެކްޓާސްގެ ގޮތުގައި ޚިދުމަތް ލިބިގަންނަ ފަރާތްތައް ކަމަށެވެ. އަދި ގިނަ ފަހަރު ކުނި ބަރުކޮށްގެން އަންނައިރު ކުނި ހުސްކުރާނެ މީހަކުވެސް ނުލައި އަންނާތީ ކުނި ހުސްކުރުމަށްވެސް ވަގުތު ހޭދަވާކަމަށެވެ. އެހެންކަމުން މިހާރު އޮޕަރޭޝަނަށް މި ގެނައި ބަދަލުން ކުނި ހިފައިގެންދާ ޕިކަޕްތައް ފަދަ އުޅަނދުތަކަށް ފަސޭހަކަމާއެކު އެއްވެސް ބުރައެއް ގެއްލުމެއް ނެތި ކުނި ހުސްކޮށްލެވި، ވަގުތު ސަލާމަތް ކުރެވިގެންދާނެކަމަށެވެ.
ރުކުމާ ވިދާޅުވީ، މިހާރު ކުނި އޮއްސާލަން އަންނަ އުޅަނދުތަށް ވެމްކޯއިން ކުނި ހުސްކޮށްދިނުމުގެ ޚިދުމަތްވެސް ތައާރަފުކޮށްފައިވާކަމަށެވެ. މިއީ، ކިއު މެނޭޖްކުރުމާއިއެކު، ކަސްޓަމަރުންނަށް ވީހާވެސް އަވަހަށް ޚިދުމަތް ފޯރުކޮދިނުމުގެ އިތުރުން ކުނި މެނޭޖްކުރުމާއި، ވެމްކޯގެ އަމަލީ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ބޭނުމުގައި އެޅި ފިޔަވަޅެއްގެ ގޮތުގައި ރުކުމާ ފާހަގަކުރެއްވި އެވެ. އަދި، މި ޚިދުމަތްދޭނީ އެކަމަށް ކަނޑައަޅާފައިވާ އަގަކާއެކު ކަމަށް ރުކުމާ ވިދާޅުވި އެވެ.
ވޭން/ޕިކަޕް/ލޮރީން ކުނި ހުސްކޮށްދޭން ކަނޑައަޅާފައިވާ ފީ:
- 350-0 ކިލޯ ގްރާމް: 50 ރުފިޔާ
- 1500-351 ކިލޯ ގްރާމް: 75 ރުފިޔާ
- 1501 ކިލޯ ގްރާމަށްވުރެ ބަރުނަމަ: 100 ރުފިޔާ
އަގަކާއެކު މި ޚިދުމަތް ދިން ނަމަވެސް އަމިއްލައަށް ކުނި ހުސްކުރަން ބޭނުންވާ ފަރާތްތަކަށް 7 މިނެޓުގެ ވަގުތުކޮޅެއް ދިނުމަށް ވެމްކޯއިން ނިންމާފައި ވެއެވެ.
ވޭސްޓް ޓްރާންސްފަރ ސްޓޭޝަން އޮޕަރޭޝަނަލައިޒްކުރުމުން، ވެމްކޯއިން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ލިބޭއިރު، މިއޮޕަރޭޝަން ހިންގާ ސަރަހައްދުގެ ޓްރެފިކަށްވެސް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ވެމްކޯއިން ބުނެއެވެ.
”އޮޕަރޭޝަންގެ ސަރަހައްދުން މުޅި ޓީ ޖެޓީ ސަރަަަހައްދުގައި ވަރަށް ކާރޫބާރޫ ބޮޑުވެ ޓްރެފިކްޖޭމްވޭ. ސަބަބަކީ އެ ސަރަަހައްދަކީ މާލޭގެ ކައިރި ރަށްރަށުން އަންނަ ދޯނިތައްވެސް ބަދަނރުކޮށް ޚިދުމަތް ހޯދާ ސަރަަހައްދެއް. ވެމްކޯގެ އޮޕަރޭޝަން ކުރިޔަށްދާއިރު ވަރަށް ބޮޑަށް އެ ސަރަަހައްދު ކޮންޖެސްޓްވެ އާންމުންނަށް ދަތިވޭ. ވެމްކޯއިން މި ގެނައި ބަދަލާއެކު މިކަމަށްވެސް ބޮޑު ލުއިތަކެއް ލިބިގެންދާނެ. އެ ސަރަހައްދުން ޚިދުމަތް ހޯދާ ފަރާތްތަކަށްވެސް ބޮޑު ފަސޭހައެއް ވެގެންދާނެ.“ ރުކުމާ ވިދާޅުވި އެވެ.
ރުކުމާގެ ވާހަކަފުޅުގައި، ސަރުކާރުން ކުނި މެނޭޖްކުރަން ކުރައްވާ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވި އެވެ. ވިދާޅުވީ، ރައީސް ޑރ. މުހަމައްދު މުއިއްޒުގެ ޒަައާމަތުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ވަރަށް އަހައްމިއްޔަތުކަން ދެއްވައި، އަދި ރައްޔިތުންނަށް އެ ޚިދުމަތް ލުއި ފަސޭހަކަމާއެކު ލިބޭނެގޮތަށް އިސްކަންދެއްވައިގެން ކަންކަން ތަރުތީބުކުރައްވަމުން ގެންދަވާ ކަމަށެވެ.
”ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދެފަހަރެއްގެ މަތިން ކުނި ނެގުމުގެ ޚިދުމަތުގެ އަގު ހެޔޮޮކޮށްފި. ކުރީ ސަރުކާރުން ކުނި ޓަނަކަށް 1،060 ނަގަމުން އައީ. މި ސަރުކާރުން ގެނައި ބަދަލާއެކު މިހާރު ޑިސްކައުންޓް އަގަކާއެކު، ކުނި ޓަނަކަށް ނަގަމުން މިއަންނަނީ 530 ރުފިޔާ.“ ރުކުމާ ވިދާޅުވި އެވެ.
ރުކުމާ ވިދާޅުވީ ރައްޔިތުންނަށްޓަކައި ޚިދުމަތްތައް އަގު ހެޔޮކޮށް ލުއި ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިފީނަމަވެސް، މި ބަދަލުތަކުގެ އެކަށީގެންވާ މައުލޫމާތު ނުފޯރާތީ ބައެއް ފަރާތްތަކުން އެކަމުގެ ނާޖާއިޒު ފައިދާ ނަގަމުން އަންނަކަން ފާހަނގަކުރެއްވޭކަމަށެވެ.
”މިސާލަކަށް ރަމަޟާންމަހު އެއްވެސް އަގަކާނުލައި މާލެތެރެ ސާފުކުރުމުގެ މަސައްކަތް ނުވަތަ ޚިދުމަތް ވެމްކޯއިން ދިން. އެކަމަކު މައުލޫމާތު ލިބިފައި ނެތުމުން ރައްޔިތުންނަށް ހިލޭ ކުނި އުކިފައެއް ނެތް. އާންމުކޮށް ކުނިއުކާ ފަރާތްތަކުން ވަރަށް ބޮޑެތި އަގު ނަގަމުން އެކަން އޭރުވެސް ކުރީ.އެންމެ ކުޑަ ދަތުރަކަށްވެސް 600 ރުފިޔާ އެބަ ނަގާ.“ ރުކުމާ ވިދާޅުވި އެވެ.
އާންމުންނަށް ކުނި އުކާ ދިނުމުގެ ޚިދުމަތްދޭ ފަރާތްތަކުން ވެމްކޯއިން ނަގާ ފީއާއި، އުޅަނދަށް ނަގާފީގެ އިތުުރަށް ބޮޑު އަގު ނަގަމުން އަންނާތީ އެކަމާ ަކންބޮޑުވެވަޑައިގަންނަވާ ކަމަށްވެސް ރުކުމާ ވިދާޅުވިއެވެ.




