މިސްރުގެ ނަން ހިނގާފައިވާ މަޝްހޫރު އެކްޓަރުންގެ ތެރޭގައި ހިމެނޭ އެކަކީ މިސްރުގެ ފިލްމީ ދުނިޔޭގައި ޢިމާދް ޙަމްދީގެ ނަމުން މަޤްބޫލުކަން ހޯދާފައިވާ އެކްޓަރެވެ. 24 ނޮވެންބަރު 1909 ގައި މިސްރުގެ ސައުހާގަށް އުފަން ޢިމާދް ޙަމްދީގެ އަސްލު ނަމަކީ މުޙައްމަދު ޢިމާދުއްދީން ޙަމްދީއެވެ. އޭނާގެ ބައްޕައަކީ ޢަބްދުލްޙަމީދް ޙަމްދީއޭ ކިޔުނު އިންޖީނިއަރެކެވެ. މަންމައަކީ އީރާނުގެ ކޮންސުލްއެއްގެ މަޤާމްއަދާކުރި އަބްދުއްރަޙްމާން ކާމީބޭގެ ފަރަންސޭސި ބަނޑުގެ ހަގު ދަރިކަނބަލުން އަމީނާއެވެ.
ޢިމާދު ޙަމްދީއާއި އޭނާގެ ނިބޫ އަޚް އުފަންވީ ދުވަހު އޭނާގެ ބައްޕަ ޢަބްދުލްޙަމީދު ޙަމްދީ، އޭނާގެ މަންމަ އަމީނާ ކައިރީން ކުދިންނަށް ދޭނެ ނަމަކާމެދު ސުވާލުކުރަމުން ފުރަތަަމަ ދަރިފުޅަށް އަބްދުއްރަޙްމާނޭ ކިޔުމަށް އަމީނާ އެދުނެވެ. އެއީ އަމީނާގެ ބައްޕަގެ ނަމެވެ. ދެން ދެވަނަ ކުއްޖާއަށް ދޭނެ ނަމަކާމެދު އަމީނާ ވިސްނަން އިންދާ އެދަރިފުޅަށް ދޭނީ މުޙައްމަދު ޢިމާދުއްދީން ކަމުގައި ޢަބްދުލްޙަމީދް ބުންޏެވެ. އެކަމާ އަމީނާ ދެކޮޅު ނުހަދައެވެ. އޭގެ ބަދަލުގައި އެނަމާއިމެދު އަމީނާ ވަރަށް ބޮޑަށް ހިތްހަމަޖެހި ނުހަނު އުފާވިއެވެ. ސަބަބަކީ އެނަމަކީ އަމީނާ ނުހަނު ލޯބިވާ ދައްތަ ޝަރީފާގެ މާތް ފިރިކަލުން އަދި ދިވެހިރާއްޖޭގެ ކުރީގެ ރަސްގެފާނު އައްސުލްޠާން މުޙައްމަދު ޢިމާދުއްދީންގެ ނަންފުޅު ކަމަށްވާތީއެވެ.

މިސްރުގެ ނޫހަކަށް ދީފައިވާ އިންޓަރވިއުއެއްގައި ޢިމާދް ޙަމްދީ ބުނެފައިވާ ގޮތުން އޭނާގެ ބައްޕަ އޭނާއަށް މުޙައްމަދު ޢިމާދުއްދީނޭ ކިޔައި ނަންދިނީ އޭނާގެ ބޮޑުދައިތަގެ ފިރިކަލުން ދިވެހިރާއްޖޭގެ ކުރީގެ ރަސްގެފާނު އައްސުލްޠާން މުޙައްމަދު ޢިމާދުއްދީންގެ ޚުލްޤުފުޅު ހެޔޮކަމާއި މަތިވެރި އަދަބުއަޚްލާޤުގެ ސަބަބުންނެވެ. އަދި އެކަމުގެ ސަބަބުން އޭނާއަށް ވެސް އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީންގެ ގައިކޮޅުގައި ހުރި އެފަދަ ސިފަތައް ލިބުމަށް އެދިގެންނެވެ.
މިސްރުގައި އުޅުއްވި ދިވެހިރާއްޖޭގެ ކުރީގެ ރަސްގެފާނު އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (6) ނުވަތަ ޢާއްމު ނަމުންނަމަ ޙާޖީ ޢިމާދުއްދީނަކީ މީލާދީން 1893 އިން ފެށިގެން 1903 އާ ހަމައަށް ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ރަސްގެފާނެވެ. މި ރަސްގެފާނަކީ ތާރީޚުގައި މަޝްހޫރު މިސްރުގެ ސުވޭހުގައި އޮތް ކައިވެނިފުޅަށް ވަޑައިގެން އުޅުއްވަނިކޮށް ރަސްކަން ގެއްލިވަޑައިގެންނެވި ރަސްގެފާނެވެ.
އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން 1901 ވަނަ އަހަރުގެ ޙައްޖު ދަތުރުފުޅަށްފަހު މިސްރަށް ވަޑައިގެން އުޅުއްވަނިކޮށް ޢިމާދު ޙަމްދީގެ މަންމަގެ ދައްތަ ޝަރީފާ ފެނިވަޑައިގެން، އެކަމަނާއާ ހިތްޕުޅާވިއެވެ. އަދި އެކަމަނާއާ ކައިވެނިކުރައްވަން ނިންމަވައި މާލެ ވަޑައިގެންފައި މާލޭ ބޮޑުގަނޑުވަރުގެ ގޯތިތެރޭގައި އެކަމަނާ ބަހައްޓަވާން ގެކޮޅެއްވެސް ބިނާކުރައްވަން ފެއްޓެވިއެވެ. އެގެކޮޅަކީ މިހާރު ސަލްޓަން ޕާކުތެރޭގައި ފެންނަން އެހުރި އުސްގެކޮޅެވެ. ދެން އެރަދުންގެ ދޮށީ ކޮއްކޯފުޅު މާންދޫގޭ ދޮށީ މަނިއްޕުޅު ރަދުންގެ ޤާއިމްމަޤާމްގެ ގޮތުގައި ރަސްކަން ހިންގަވާން ބަހައްޓަވާފައި 1902 ވަނަ އަހަރުގެ ނޮވެންބަރު މަހު މިސްރަށް ވަޑައިގެންނެވިއެވެ.

އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން ކައިވެނިފުޅަށް މިސްރުގެ ސުވޭހަށް ވަޑައިގެންނެވިތާ މާ ގިނަ މަސްތަކެއް ނުވަނީސް މާލޭގައި ސިޔާސީ ގަޑުބަޑެއް އުފެދުނެވެ. އަދި ރަސްކަމުގެ ކަންކަން ބަލަހައްޓަވާން ހުންނެވި މާންދޫގޭ ދޮށީ މަނިއްޕުޅު ބޮޑުގަނޑުވަރުން ބޭރުގައި އަނބިކަނބަލުން އަރިހުގައި އުޅުއްވަނިކޮށް، ޙާޖީ ޢިމާދުއްދީނުގެ ކުރިން ކުޑަދުވަސްކޮޅަކު ރަސްކަމުގެ ތަޚުތުގައި ބެހެއްޓުނު އައްސުލްޠާނު މުޙައްމަދު ޝަމްސުއްދީން (3) އަލުން ރަސްކަމުގެ ތަޚުތަށް އިސްކުރެވުނެވެ.
ޙާޖީ ޢިމާދުއްދީނުގެ ރަސްކަން، މިސްރުގައި ހުންނަވަނިކޮށް ގެއްލިވަޑައިގެންނެވުމުން އަލުން ރަސްކަން ހޯއްދެވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ނާކާމިޔާބުވެ ދިރިއުޅުއްވުމުގެ ބާކީބައި ހޭދަ ކުރައްވަން ޖެހިވަޑައިގެންނެވީ މިސްރުގައެވެ. އެހެންނަމަވެސް ދިވެހި ސަރުކާރުން އެ މަނިއްޕުޅަށް ޚާއްޞަ ޕެންޝަނެއް ލިބިވަޑައިގެންނެވިއެވެ.
ޙާޖީ ޢިމާދުއްދީނަށް މިސްރުން ކައިވެނިކުރެއްވި ޝަރީފާގެ ބަނޑުފުޅުން ލިބިވަޑައިގަތީ އަންހެން ބޭފުޅެކެވެ. އެއީ ދައުލަތު ޢިމާދުއްދީނެވެ. އެހެން ބޭބޭފުޅުން ލިބިވަޑައިގެންނެވީ ކުރިން މާލެއިން ކުރެއްވި ކައިވެނިފުޅުތަކުންނެވެ. މިތަނުން ބައެއް ބޭބޭފުޅުންގެ ދަރިކޮޅުތައް މިސްރާއި ދިވެހިރާއްޖެއާއި ދުނިޔޭގެ އެހެން ބައެއް ގައުމުތަކަށް ވަނީ ފެތުރިފައެވެ.

އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ޙާޖީ ޢިމާދުއްދީން) އަކީ ހުރާ ދަރިކޮޅުގެ އައްސުލްޠާން ޙަސަން ޢިއްޒުއްދީން(ދޮން ބަންޑާރައިން) ގެ އައްސުލްޠާނު ޙަސަން ނޫރައްދީންގެ އައްސުލްޠާނު މުޙައްމަދު މުޢީނުއްދީންގެ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (މުސްކުޅި ބަންޑާރައިން) ގެ އަލްއަމީރު ޙަސަން ޢިއްޒުއްދީން (މާންދޫގޭ ބޮޑު ދޮށީ މަނިއްޕުޅު) ގެ ދެވަނަ ދަރިކަލުންނެވެ.

އައްސުލްޠާން މުޙައްމަދު ޢިމާދުއްދީންގެ ނަންފުޅުން ނަން ދެވުނު މިސްރުގެ އެކްޓަރު މުޙައްމަދު ޢިމާދުއްދީން ޙަމްދީ (ޢިމާދް ޙަމްދީ) އަކީ 1945 އިން ފެށިގެން 28 ޖެނުއަރީ 1984 ގައި، އޭނާ ނިޔާވުމާ ހަމައަށް މިސްރުގެ ސިނަމާގައި ހަރަކާތްތެރިވި ނަން މަޝްހޫރު ފަންނާނެކެވެ. އޭނާ ހަތަރު މީހަކާ ކައިވެނިކުރިއެވެ. މިތަނުން ދަރިން ލިބުނީ ދެ މީހަކަށެވެ. އޭނާގެ ދެ ދަރިންނަކީ ނާދިރު ޙަމްދީއާއި ހިޝާމް ޙަމްދީއެވެ.




2 Comments
މިއީ ދުވަހުކުވެސް އަޑުނާހާ މުޅިން އާ މައުލޫމާތެއް. މިމައުލޫމާތު އަޅުގަނޑުމެންނާ ހަމައަށް ގެނެސްދެއްވީތީ ނާޖިހުދީދީއަށް ޝުކުރުދަންނަވަން
ޝައުގުވެރި ލިޔުމެއް