ތަފާސް ހިސާބުތަކުން ދައްކާގޮތުން ދުނިޔޭގައި ކޮންމެ ދުވަހަކުވެސް 1 ލައްކައަށް ވުރެ ގިނަ ކައިވެނި ހަފްލާތައް ބާއްވައެވެ. އެއީ އަހަރަކަށް ބަލާ ނަމަ ގާތް ގަނޑަކަށް 40 މިލިއަނަށް ވުރެ ގިނަ ކައިވެނި ހަފްލާއެވެ. ނަމަވެސް އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީ ގެ ފިރިހެން ދަރިފުޅު އަނަންތު އަމްބާނީ ގެ ކައިވެނި ހަފްލާ ފަދަ ހަފްލާއެއް މިހާތަނައް އެއްވެސް ބަޔަކު ބޭއްވި ހެނެއް ހިޔެއްނުވެއެވެ.
މި ހަފްތާގައި ދުނިޔޭގެ އެންމެންގެ ލޯ ހުއްޓިފައިވަނީ ދުނިޔޭގެ އެތައް ތަރިންނެއް ބައިވެރިވާ އަނަންތު އަމްބާނީ ގެ އަގުބޮޑު ކައިވެނި ހަފްލާއަށެވެ. މި ކައިވެނި ހަފްލާގެ ހަރަދަށް 300 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހަރަދުވާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. މިލްކިއްޔާތުގައި 123 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހުރި މުކޭޝް އަމްބާނީ އަށް މިއީ މާ ބޮޑު އަދަދަކަށް ނުވާނެއެވެ. ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގައި އަމްބާނީ ހިމެނެނީ 11 ވަނައިގައެވެ. އޭނާގެ އެންމެ ހަގު ފިރިހެން ދަރިފުޅު ގެ ކައިވެންޔަށް ކިތަންމެ ބޮޑު ހޭދައެއް ކުރަންވެސް ތައްޔާރަށް ހުރި ކަމަށް އަމްބާނީ ވަނީ މީގެ ކުރިން ބުނެފައެވެ.

އަނަންތު އަމްބާނީ ކައިވެނި ކުރި އަންހެން ކުއްޖާ، ރާދިކާ މާރޗަންޓް އަކީ ވެސް އާދައިގެ ކުއްޖެއް ނޫނެވެ. ރާދިކާ އަކީ އިންޑިއާގެ ބޭސް އުފައްދާ ބިޔަ ކުންފުނި އެންކޯރ ހެލްތުކެއަރ ގެ ސީއީއޯ ވިރެން މާރޗަންޓް ގެ ދަރިއެކެވެ. އެންކޯރ ހެލްތުކެއަރ އަކީ ގާތްގަނޑަކަށް 260 މިލިއަން ޑޮލަރުގެ ކުންފުންޔެކެވެ.
އަނަންތު އާއި ރާދިކާ އަކީ ވަރަށް ކުޑައިރުއްސުރެއް ގާތް ދެ ރައްޓެހިނަންނެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅުނު ކަމަށް އެންމެ ފުރަތަމަ އަޑު ފެތުރުނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. ރާދިކާ ދެކެ ވާ ލޯބި ހާމަ ކުރަމުން، 2023 ވަނަ އަހަރު ދެމީހުން އެންގޭޖު ކުރި ހަފްލާގައި އަނަންތު ބުނެފައިވަނީ ރާދިކާ ލިބުމުން އޭނާ ވަރަށް އުފާވާ ކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް ރާދީކާ ދެކެ ވާ ލޯބި އިތުރު ވަމުންދާ ކަމަށާއި، ރާދިކާ ފެންނަ ކޮންމެ ފަހަރަކުވެސް ހީވަނީ އަލަށް ފެންނަހެން ކަމަށް އަނަންތު ވަނީ ބުނެފައެވެ.
އަނަންތު އާއި ރާދިކާ ގެ ކައިވެނި ހަފްލާގައި ބޮލީވުޑް އާއި ހޮލީވުޑްގެ ގިނަ ތަރިން ތަކެއް ދަނީ ބައިވެރިވަމުންނެވެ. އޭގެ ތެރޭގައި ކިމް ކާޑާރޝިއަން އާއި އޭނާގެ ކޮއްކޮ ކްލޯއީ ކާޑާރޝިއަން ހިމެނެއެވެ. އޭގެ އިތުރުން ޕްރިޔަންކާ ޗޯޕްރާ، ޖޯން ސީނާ، މައިކް ޓައިސަން އަދި ޑޭވިޑް ބެކަމް ވެސް ދަނީ މި ހަފްލާގައި ބައިވެރިވަމުންނެވެ.

އޭނާގެ ކޮއްކޮ ކްލޯއީ ކާރޑާޝިއަން މުމްބާއި ގެ ތާޖް މަހަލް ހޮޓަލުގައި

ފިލްމީ ތަރިންގެ އިތުރުން ދުނިޔޭގެ ކުރީގެ ލީޑަރުން ވެސް މި ހަފްލާގައި ބައިވެރިއެވެ. އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރުން ޓޯނީ ބްލެއަރ އަދި ބޮރިސް ޖޯންސަން ގެ އިތުރުން، އެމެރިކާގެ ކުރީގެ ސްޓޭޓް ސެކްރެޓަރީ ޖޯން ކެރީވެސް މި ހަފްލާގައި ބައިވެރިވަމުން އެބަދެއެވެ. އަމްބާނީ އާއިލާއިން ބާއްވާ މި އަގުބޮޑު ހަފްލާގައި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެއެވެ. ނަޝީދު މި ހަފްލާގައި ބައިވެރިވަމުން ދާތަން ފެންނަ ފޮޓޯތަކެއް މީސް މީޑިއާގައި ވަނީ ދައުރުވެފައެވެ.

އަނަންތު އަމްބާނީ އާއި ރާދިކާ މާރޗަންޓް ގެ މި އާދަޔާ ހިލާފު ކައިވެނި ހަފްލާ ކުރިޔަށް ދަނީ މުމްބާއި ގެ ބަންދްރާ-ކުރްލާ ކޮމްޕްލެކްސް ގައި ހުންނަ ޖިއޯ ވޯރލްޑް ކޮންވެންޝަން ސެންޓަރުގައެވެ. މި ކޮންވެންޝަން ސެންޓަރަކީ 16،500 މީހުންގެ ޖާގަ އޮތް ތަނަވަސް ބޮޑު ތަނެކެވެ.



