ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖޭގެ ހުޅަނގަށް ޖެހި، ރާއްޖޭގެ ބޮޑުބަޔަކަށް މިރޭ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެހެންކަމުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) މިއަދު ބުނެފިއެވެ.
އެގޮތުން މެޓް އޮފީހުން ބުނީ ރާއްޖޭގެ އިރުން ހުޅަނގު ދެކުނުން، ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު ރާއްޖޭގެ ހުޅަނގަށް ޖެހި ރާއްޖެއާއި ގާތަށް ޖެހެމުންދާކަމަށެވެ. މިވަގުތު ރާއްޖެ ސަރަޙައްދުގައި ބޯވިލާ ޖަމާވަމުންދާކަމަށާއި މިއަދުގެ ވަގުތުތަކުގައި ރާއްޖެއަށް ކެރީގެ އަސަރު ކުރާނެ ކަމަށައި ދަންވަރާއި އަދި ފަތިހު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖެއަށް ވައި މިވަގުތު އެވެރެޖްގޮތެއްގައި ޖެހެމުންދިޔަނަމަވެސް މި ކޮޅިގަނޑު ރާއްޖެއާ ގާތްވަމުންދާ ކަމަށާއި އެހެންކަމުން މިއަދުގެ ވަގުތެއްގައި ރާއްޖެއަށް ވައިބާރުވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
މީގެއިތުރުން ރާއްޖޭގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށާއި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓްއޮފީހުން އިލްތިމާސް ކޮށްފައިވެއެވެ.




