ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެސްޓޯނިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.
ޖަނަވަރީ މަހުގެ 13 އިން 16 އަށް ރައީސް މުޢިއްޒު ކުރައްވާ މި ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި، މިއީ ދިވެހިރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ވަފުދު، މި ދަތުރުފުޅުގައި ސަމާލުކަން ދެއްވާނީ، އެއް ޤައުމުން އަނެއް ޤައުމަށް އިތުރަށް އެއްބާރުލުން ދިނުމާއި، ޑިޖިޓަލް، ސައިބަރ އަދި އީ-ގަވަނަންސް، މޫސުމީ ބަދަލު، ތިމާވެށީގެ މައްސަލަތައް އަދި ސައިންސާއި ތަޢުލީމީ ދާއިރާގައި އެކުގައި ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށެވެ.
މިދަތުރުފުޅުގެ މައިގަނޑު އަމާޒަކީ، އެމަނިކުފާނުގެ އަމާޒާއި އެއްގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މަގު އެކަށައެޅުން ކަމުގައި ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ، ރައީސް މުޢިއްޒު އިސްކަންދެއްވާ ކަމެކެވެ. އެއަމާޒަށް ވާސިލްވުމުގެ ގޮތުން، އެކަން އެކި މަންސަތަކުގައި ޕްރޮމޯޓް ކުރުމާއި، އެކުވެރި ދައުލަތްތަކާއެކު ގުޅިގެން ޑިޖިޓަލް އަދި ދެމެހެއްޓެނިވި ކުރިމަގެއްް ބައްޓަންކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.


