ބޯކޮށް ވާރޭވެހިގެން ފެންބޮޑުވާ ސަރަހައްދުތަކުގައި ބާރަށް އުޅަނދު ނުދުއްވުމަށާއި އެ ސަރަޙައްދުތަކުގައި ސައިކަލުފަދަ އުޅަނދުތައް ޕާކު ވެސް ނުކުރުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސް ކޮށްފިއެވެ.
ކުރިއަށް އޮތް ހަ ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ، މޫސުމަށް ސަމާލުވުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ ޚާއްސަ އޮޕަރޭޝަނާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ ފެން ބޮޑުވެފައިވާ ގަޑިތަކުގައި އެ ސަރަހއްދުގައި ބަރު އުޅަނދު ނުދުއްވުމަށާއި، ބާރަށް އުޅަނދު ނުދުއްވުމުގެ އިތުރުން އެ ސަރަހައްދުގައި ސައިކަލުފަދަތަކެތި ޕާކު ނުކުރުމަށް ޚާއްސަ ސަމާލުކަމެއްދޭން އެދިލައްވާ ކަމަށެވެ.
”އެ އުޅަނދުތަކަކީ ފެންބޮޑުވާ ސަރަހައްދުތަކުގައި ކުރިންވެސް ޕާކު ކޮށްފައި ހުންނަ އުޅަނދުތަކެއް ކަމުގައިވަންޏާ، އެތަކެތި ފެންބޮޑުނުވާ ރައްކާތެރި ސަރަހައްދުތަކުގައި ޕާކު ކުރުމަކީ އަޅުގަނޑުމެން އެދޭކަމެއް“ ހިސާން ވިދާޅުވިއެވެ.
މީގެއިތުރުން ބާރަށް އުޅަނދު ދުއްވުމުން ފެންގަނޑުގައި އުފެދޭ ރާޅުތަކުން ވެސް އެކިކަހަލަ ގެއްލުން ލިބޭނެ ކަމަށާއި އެހެންކަމުން އެގޮތަށް ކަންކަން ނުކުރުމަށް ހިސާން އިލްތިމާސް ކުރެއްވިއެވެ.
އަދި ފެންބޮޑުވާ ސަރަހައްދުތަކުގައި ހުންނަ ކުދި ވިޔަފާރި ހިންގާ ތަންތަނާއި ގުދަންފަދަ ތަންތަނުގައި ހުންނަ އަގުބޮޑު މުދަލުގައި ފެންޖެހި ގެއްލުންވެދާނެ ކަމަށް އެތަންތަނުގެ ވެރިފަރާތްތަކުން ސަމާލުކަން ދިނުމަށް ވެސް ހިސާން އެދިލައްވާފައިވެއެވެ.



