މާލޭގެ ކެފޭއެއްގައި އިންދާ ކުއްލި ގޮތަކަށް ޚަބަރު ހުސްވެގެން ވެއްޓުނު މީހާ ނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކާއި ރޭގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ މާފަންނުގައި ހުންނަ ކެފޭއެއްގައި އިން މީހަކު ޚަބަރު ހުސްވެގެން އައިޖީއެމްއެޗްއަށް ރޭގައި ގެންގޮސްފަރުވާ ދީފައިވާ ކަމަށެވެ.
ނަމަވެސް އޭނާ ނިޔާވެފައިވާ ކަމަށް ފުލުހުން ފަހުން މައުލޫމާތު ދެއްވާފައިވެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، ނިޔާވެފައިވަނީ މ. މޫން ޑްރޮޕްސް، އަހުމަދު ޝަރީފް (58އ.) އެވެ.
މިފަހަކަށް އައިސް މިފަދަ ކުއްލި މަރުތައް މާލޭގައި ދަނީ އިތުރުވަމުންކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ވެސް މާލޭގެ ގެސްޓްހައުސްއެއްގެ ފާޚާނާ ތެރޭގައި މީހަކު ނިޔާވެފައިވެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ މި މައްސަލަތައް ތަހުގީގު ކުރައްވަމުން ގެންދަވާ ކަމަށެވެ.




