އެސްޓޯނިއާއަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ޒަރިއްޔާއިން މުޖުތަމައުތައް ބާރުވެރިކުރުމުގެ ލާމަސީލު މިސާލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކާރިސް ދެއްވި ދައުވަތަކަށް ރަސްމީ ދަތުރުފުފުޅެއްގައި ރައީސް މުޢިއްޒު އެޤައުމަށް ވަޑައިގެންނެވީ އިއްޔެއެވެ. އަދި އެ ޤައުމުގެ ރައީސްއާ އިއްޔެ ބައްދަލު ކުރައްވައި، ދެއްވި ޖާފަތެއްގައި ވެސް ރައީސް ވަނީ ރޭގައި ބައިވެރިވެވަޑައިގެންފައެވެ.
އެ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޮމޭޝަނާއި އިނޮވޭޝަންގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަކީ ވަރަށް ފާހަގަކޮށްލެވޭ އަދި ތައުރީފު ޙައްޤު ކާމިޔާބީތަކެއް ކަމަށެވެ. އަދި އެ ޤައުމުގެ ތަޖުރިބާއިން އިބުރަތް ލިބުގަތުމުގެ ޝައުޤުވެރިކަން ވެސް އެމަނިކުފާނު ފާޅު ކުރައްވާފައިވެއެވެ.
މީގެއިތުރުން ރާއްޖެއާއި އެސްޓޯނިއާ ވެސް އޮތީ އެކުގައި މަސައްކަތް ކުރުމުގެ އާ ބާބެއް ފެށުމާ ހަމައިގައިކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި އެގުޅުމަކީ އެއް ގައުމު އަނެއް ގައުމަށް އިހުތިރާމުކޮށް، އެއްބައިވަންތަކަމުގެ އަސާސްތަކެއްގެ މައްޗަށް ބިނާވާ، ދެމެހެއްޓެނިވި އުޖާލާ މުސްތަގުބަލަކަށް މަސައްކަތް ކުރުމުގެ ބާބެއް ކަމުގައި ވެސް ރައީސް މުޢިއްޒު ފާހަގަ ކުރެއްވިއެވެ.


