އެސްޓޯނިއާގައި ދިވެހި ދަރިވަރުންނަށް ހުރި ސްކޮލަޝިޕްގެ ފުރުސަތުތަކާއި، އެނޫންވެސް، ކަންކަމުގައި އެއްބާރުލެއްވުން ދިނުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެ ޤައުމުގެ މިނިސްޓަރ އޮފް އެޑިއުކޭޝަން އެންޑް ރީސަރޗް، ކްރިސްޓީނާ ކެލަސް މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާ ކުރިއަށް ދިޔައީ މިނިސްޓަރ ކެލަސް ރައީސް މުޢިއްޒު އަށް ރޭގައި ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.
އެގޮތުން މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ އެސްޓޯނިއާގެ ފެންވަރު ރަނގަޅު ތަޢުލީމީ ނިޒާމާއި، އުނގެނުމުގައި ގެންގުޅޭ އީޖާދީ އުކުޅުތަކަށް ތަޢުރީފުކުރައްވާފައެވެ. އެސްޓޯނިއާގެ ކާމިޔާބީން ހިތްވަރު ހޯއްދަވައިގެން، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ފުޅާކުރެއްވުމަށް އެމަނިކުފާނު ވަނީ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ކެލަސް ވަނީ، އެސްޓޯނިއާގެ ތަޢުލީމީ ނިޒާމާ ގުޅުންހުރި ތަފްޞީލީ ޕްރެސެންޓޭޝަނެއް ހުށަހަޅުއްވައި، އެ ނިޒާމުގެ މުހިންމު ސިފަތަކާއި، ބަދަލުގެނުވަނިވި އާދަކާދަތައް ހިއްސާކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި އެކަމަނާ ވަނީ އެސްޓޯނިއާގެ ތަޢުލީމީ އިސްތިރާޖުތަކާ ގުޅުންހުރި މުހިންމު މަޢުލޫމާތުތަކެއްވެސް ދެއްވާފައެވެ.
ތަޢުލީމީ ދާއިރާއިން ދެ ޤައުމުން އެއްބާރުލުން ދިނުމާމެދު މަޝްވަރާތައް ބިނާކުރެއްވި މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުންވެސް ޢިލްމީ ކުރިއެރުންތައް ހިއްސާކުރުމާއި، ޤާބިލްކަން އިތުރުކުރުމާއި، އެ ނޫންވެސް އެދާއިރާއިން ގުޅުން ޤާއިމުކުރުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.




