ބޭރުފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ޓޫރިޒަމް ހިދުމަތްދޭ ފަރާތްތަކުން މިހާތަނަށް 40 މިލިއަން ޑޮލަރުގެ އަދަދެއް ބޭންކްތަކަށް މާރުކޮށްފި ކަމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.
އެގޮތުން އެމްއެމްއޭ އިން ބުނީ މިހާތަނަށް 30 މިލިއަން ޑޮލަރު (463 މިލިއަން ރުފިޔާ) އާއި 40 މިލިއަން ޑޮލަރު (617 މިލިއަން ރުފިޔާ) އާ ދެމެދުގެ އަދަދެއް ބޭންކްތަކަށް މާރުކޮށްފައިވާ ކަމަށެވެ.
ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން މިދިޔަ އޮކްޓޫބަރު އައި ޓޫރިސްޓުންގެ އަދަދަށް ބަލައިގެން ޑޮލަރު މާރު ކުރަން ޖެހޭ އެންމެ ފަހު ތާރީހަކީ މި މަހުގެ 28 ގެ ނިޔަލަށެވެ. އެހެންކަމުން އެ ދުވަހުގެ ކުރިން ޑޮލަރު މާރުކޮށް ނިންމުމަށް އެމްއެމްއޭ އިން ވަނީ އެދިފައެވެ.
މީގެއިތުރުން އެމްއެމްއޭ އިން ބުނީ ރާއްޖޭގައި ހިދުމަތްދޭ 175 ރިސޯޓުގެ ތެރެއިން މިހާތަނަށް 138 ރިސޯޓުން މިދިޔަ އޮކްޓޫބަރު މަހުގެ ސޭލްސް ރިޕޯޓު ހުށަހަޅާފައިވާ ކަމަށެވެ.
ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންކަމުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އެކަމާ ގުޅޭ ޤަވާއިދެއް އެމްއެމްއޭ އިން ވަނީ އެކުލަވާލައިފައެވެ.
އެ ޤަވާއިދުގައިވާ ގޮތުގެ މަތިން ރިސޯޓުތަކުން މާރުކުރަން ޖެހޭނީ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުން ބޭންކްތަކަށް މާރު ކުރަން ޖެހޭނީ އަންނަ ޓޫރިސްޓުންގެ ބަލަކަށް 25 ޑޮލަރެވެ.



