މާލެ ސަރަހައްދުގައި މިދުވަސްކޮޅު ސިއްހަތައް ނުރައްކާތެރި މިންވަރަށް ވައި ނުސާފު ކަމަށް ވިލިމާލޭގައި ހުންނަ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކައިފި އެވެ.
އެ ސިސްޓަމުން ދައްކާ ގޮތުގައި މި ސަރަހައްދުގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 156 އަށް މަތިވެފައެވެ.
މާލެ ސަރަހައްދުގެ ވައި މިފަދައިން ނުސާފުކޮށް ހުންނަތާ މިހާރު ގާތްގަނޑަކަށް ދެ ދުވަސްވަރު ވެއްޖެއެވެ.
އެހެންކަމުން މިދުވަސްކޮޅު ގެއިން ބޭރުގައި އުޅޭ މިންވަރު މަދުކޮށް، ބޭރަށް ނުކުންނައިރު އެންމެންވެސް މާސްކު އަޅައިގެން ނުކުތުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ އިރުޝާދު ދީފައެވެ.

މާލެ ސަރަހައްދުގެ ވައި ނުސާފު ކަމަށް ސިސްޓަމުން ދައްކާއިރު، ށ. ފުނަދޫ ކައުންސިލްގައި ހުރި އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި އެ ސަރަހައްދުގެ ވައިގެ ކޮލިޓީ މި ވަގުތު ހުރީ 76 ގަ އެވެ. އަދި ލ. ގަން ކައުންސިލްގައި ހުރި ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި އެ ސަރަހައްދުގެ ވައިގެ ކޮލިޓީ މި ވަގުތު ހުރީ 82 ގަ އެވެ.



