ޤައުމެއްގައި ތަރައްޤީ ގެނެވޭނީ ޒުވާންޖީލަށް ރަނގަޅަށް ތަރުބިއްޔަތާއި ތަޢުލީމު ވެސް ދީގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރ. އަތޮޅަށް އިއްޔެ ފައްޓަވާފައިވާ ރަސްމީދަތުރުފުޅުގެ ތެރެއިން ރ. ހުޅުދުއްފާރުގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެގޮތުން ރައީސް މުޢިއްޒުގެ ވާހަކަފުޅު ތެރެއިން، ހުޅުދުއްފާރުގެ ސްކޫލް ތަރައްޤީ ކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ އެރަށު ސްކޫލުގެ ތަރައްޤީއަށް ބޭނުންވާ އެންމެހާ ކަންކަމުގެ މަޝްވަރާތައް ކަމާގުޅުންހުރި ހުރިހާ ފަރާތްތަކާ ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ސްކޫލްގެ ހުރިހާ ކަމަކަށްވެސް ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.
”އަޅުގަނޑު ޤަބޫލުކުރާ ސިޔާސަތަކީ، ހަމައެކަނި އިމާރާތްތަކެއް ހެދުމަށްވުރެ ޤައުމެއްގައި ތަރައްޤީ ގެނެވޭނީ އަޅުގަނޑުމެންގެ ޒުވާންޖީލަށް ރަނގަޅު ގޮތުގައި ތަރުބިއްޔަތާއި ތަޢުލީމު ދީގެންކަން.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެހެންކަމުން ސްކޫލުތަކަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަ ކޮށްދިނުމަކީ ހަޤީޤީ، ވަށާޖެހޭ ތަރައްޤީގެ އެންމެ މުހިންމު އެއްކަންތައް ކަމުގައި ރައީސް މުޢިއްޒު ފާހަގަ ކުރެއްވިއެވެ. އަދި ހިތްހަމަޖެހޭ މާހައުލެއްގައި ކިޔަވާދެވޭ ގޮތް ފަހިކޮށްދިނުމަކީ އެންމެ ރަނގަޅު ނަތީޖާ ނެރެވޭނެ ކަންކަން ކަމުގައިވެސް ރައީސް ފާހަގަ ކުރެއްވިއެވެ.




