ހަތަރު ލޭނު ހިމެނޭ ގޮތަށް، ފަޅުން ވެސް ބައެއް ނަގައި، ޝީޓުޕައިލުކޮށް ބޭރުމަގު ތަރައްޤީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޢިއްޒުއްދީން ފާލަން ރަސްމީކޮށް ހުޅުވުމަށް ރޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ބޭރުމަގު ތަރައްޤީ ކުރުމުގެ މަސައްކަތް ރަމަޟާން މަސް ނިމޭއިރު ފެށޭނެ ކަމަށާއި އެ މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ.
“ އެމް.ޓީ.ސީ.ސީ. ފެރީ ޓަރމިނަލުން ފެށިގެން އެމް.އެމް.އޭ.ގެ އިމާރާތް ނިމޭ ހިސާބަށް މަސް މާރުކޭޓު ބިނާކުރާނެ، މިހާރު އެހެރަ ލޯކަލް މާރުކޭޓް ހުރި ހިސާބާ ހަމަޔަށް، މި މަގު، ކޮޅަކަށް ދެ ލޭނު އޮންނަގޮތަށް، މޫދުންވެސް ބައެއް ނަގައި، ޝީޓްޕައިލް ކުރެވި، މަގު ފުޅާކުރެވި، ހުރިހާ ނިޒާމުތަކެއް، އަޑީގައި ހުންނަންޖެހޭ ހުރިހާ ކަމެއް ހިމެނޭގޮތަށް ތަރައްޤީކުރެވި، ތާރުއެޅި، ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ރަމަޟާން މަސް ނިމޭތަނުން ފެށި، މި އަހަރު ނިމެންވާއިރަށް އިރާދަކުރެއްވިއްޔާ ނިންމައި ހުޅުވާނަން.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާލޭގެ މަގު ހެދުމުގެ މަސައްކަތުގެ އެ ސަރަހައްދު ވަކި މަސައްކަތެއްގެގޮތުގައި އެމްޓީސީސީއާ ހަވާލުކުރަން ނިންމާފައިވާއިރު، މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރާނީ ޗައިނާ ސަރުކާރުގެ ހިލޭއެހީގައިކަމަށެވެ. އެގޮތުން މިއަހަރު އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށްޓަވާނެކަމަށާއި، މިހާރު ކުރިއަށްދަނީ މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތްކަން ރައީސް ފާހަގަކުރެއްވިއެވެ.




