”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ފްލެޓު ލިބިފައިވާ ކަމަށް އިއުލާނު ކޮށްފައިވާ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިއުލާނުކުރި އެ ލިސްޓުގައި ހިމެނޭ ޝަރުތުހަމަވާ މީހުންނާއި ޝަރުތުހަމަނުވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެއް މަސް ދުވަހަށް ހުޅުވާލާފައިވާނެ ކަމަށް ހައުސިންގް މިނިސްޓްރީން އެދުވަހު ވަނީ ބުނެފައެވެ.
އެގޮތުން ޝަކުވާ ހުށަހެޅުމަށް ހައުސިން މިނިސްޓްރީގެ މެއިލް، gedhoruveriya@infrastructure.gov.mv އަށް ނުވަތަ މިނިސްޓްރީއަށް އެޑްރެސްކޮށް ސިޓީއަކުން ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ހައުސިން މިނިސްޓްރީގެ ނަންބަރު 4004911 އަދި 4004910 ފޯނަށް ގުޅުމުން މައުލޫމާތު ސާފުކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގް މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ މި ސްކީމްގެ ދަށުން ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓު ކަމަށެވެ.
ފްލެޓު ލިބޭނެ ކަމަށް ޝަރުތުހަމަވާ ލިސްޓުގައި ހިމެނެނީ 1800 މީހުންގެ ނަމެވެ. އެހެންކަމުން 4000 ފްލެޓުގެ ތެރެއިން ބާކީ ހުރި ފްލެޓުތައް ދެނީ ފްލެޓަށް އެދި ހުށަހަޅާފައިވާ 15،000 މީހުންގެ ފޯމުތައް އިވޭލުއޭޓު ކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.



