މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ކްލަބެއް ކަމުގައިވާ ލިވަޕޫލް ފުޓްބޯލް ކްލަބްގެ އެކަޑެމީއެއް ރާއްޖޭގައި ގާއިމް ކުރަން ނިންމައިފިއެވެ.
މިކަން އެމްއެމްޕީއާރްސީން ހާމަކޮށްފައިވަނީ، ލިވަޕޫލްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ރާއްޖެ ހަމަޖައްސާފައިވާކަން މިއަދު އިއުލާނުކޮށް ނެރުނު ބަޔާނެއްގައެވެ.
މިޕާޓްނަޝިޕް ރަސްމީކޮށް އިފްތިތާހު ކުރާނީ އަންނަ އޭޕްރިލް މަހުގެ 2 ވަނަ ދުވަހު ލިވަޕޫލް އެފްސީ އެވަޓަން އާ ދެކޮޅަށް ކުޅޭ މެޗުގައި ކަމަށާއި އެ މެޗުގައި އެންފީލްޑް ސްޓޭޑިއަމްގެ ލެޑް ބޯޑުތަކުގައި ޕާޓްނާޝިޕާއި ރާއްޖޭގެ މަންޒަރުތައް ދައްކާލުމަށް ވަނީ ހަމަޖެހިފައިވާކަން އެމްއެމްޕީއާރްސީން ހާމަކޮށްފައިވެއެވެ.
އެގޮތުން އެމްއެމްޕީއާރުސީން ބުނި ގޮތުގައި މި ޕާޓްނާޝިޕްގައި ރާއްޖޭގައި ލިވަޕޫލް އެކަޑަމީއެއް ގާއިމުކުރުމާއި ސްޕޯޓްސް ޓޫރިޒަމް ހަރުދަނާ ކުރުމުގެ އިތުރުން ޑެސްޓިނޭޝަން ބްރޭންޑިން އިތުރުކުރުން ފަދަ ހައި ވެލިއު އެކްޓިވިޓީސްތައް ވެސް ހިމެނެއެވެ.
މީގެއިތުރުން ފޭން ޒޯންތަކާއި އެކްޓިވޭޝަންތައް ވިޒިޓް މޯލްޑިވްސްގެ އިވެންޓްތަކާއި ބައިވެރިވާ ފެއާތަކާއި ރޯޑްޝޯތަކުގައި އިންޓަގްރޭޓް ކުރުމަށް ހަމަޖެހިފައިވާއިރު، އެލްއެފްސީ ލެޖެންޑުންނާއި ޑިޖިޓަލް އެންގޭޖްމަންޓް ކެމްޕެއިންތަކުގެ ސަބަބުން ހޭލުންތެރިކަމާއި ބުކިންތައް އިތުރުވެގެންދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
މިކަންތަކުގެ ސަބަބުން ޕްރިމިއަމް ބްރޭންޑިން، ޕްރޮމޯޝަން އަދި ޑައިރެކްޓް އެންގޭޖްމަންޓް މެދުވެރިކޮށް މީޑިއާ ރީޗް ކޮންމެ ސީޒަނަކަށް 397 މިލިއަނަށް ވުރެ މައްޗަށް އަރާ، އަހަރެއްގެ މައްޗަށް 17 މިލިއަން ޑޮލަރަށް ވުރެ މަތީގެ މީޑިއާ ވެލިއު ލިބޭނެ ކަމަށް ބެލެވޭކަން ވެސް އެމްއެމްޕީއާރްސީން ވަނީ ފާހަގަކޮށްފައެވެ.
މިއީ ވިޒިޓް މޯލްޑިވްސްގެ ސްޓްރެޓެޖިކް ވިސްނުމާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖެ އަކީ ލީޑިންގ ލަގްޒަރީ އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުންކުރިއަށްދާ ކެންޕޭނެއްކަން އެމްއެމްޕީއާރްސީން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ، އެލްއެފްސީގެ ބައިނަލްއަޤުވާމީ ނުފޫޒުގެ ބޭނުން ހިފައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން ފުޓުބޯޅަ ސަޕޯޓަރުންނާއި ގުޅުން ބަދަހިކޮށް، ރާއްޖެ އިޚްތިޔާރު ކުރުމަށް ހިތްވަރު ދިނުން ކަމުގައި އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
”ފުޓުބޯޅަ އާއި ދަތުރުފަތުރުގެ ސަބަބުން މީހުން އެއްތަނަކަށް ޖަމާވެ، ހަނދާން ނައްތާނުލެވޭ ފަދަ އިހުސާސްތަކެއް އުފައްދައިދޭ. މި ޕާޓްނާޝިޕްއިން އަޅުގަނޑުމެންގެ އަމާޒަކީ ހުވަފެންތައް ހަގީގަތަކަށް ވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ތަޖުރިބާ ކުރުމަށް އެތައް މިލިއަން ސަޕޯޓަރުންނަށް ހިތްވަރު ދިނުން.“ ވިޒިޓް މޯލްޑިވްސްގެ ސީއީއޯ/ އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.
މި ޕާޓްނަރޝިޕް ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓިންގް އަށް ބޮޑު ކުރިއެރުމެއް ލިބިގެންދާއިރު، ލަގްޒަރީ، އެޑްވެންޗަރ އަދި ތަފާތު ތަޖުރިބާތައް ހޯދުމަށް ބޭނުންވާ ފަތުރުވެރިންނަށް އެންމެ އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމުގައި އެމްއެމްޕީއާރްސީން ބުނެފައިވެއެވެ.




