އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) އާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން އަދި ރާއްޖޭގެ ފަސްޓްލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ސިވިލް ކޯޓުގައި މިއަދު މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
އެމްޑީޕީން މާލޭގައި ބާއްވަމުންގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި މަންދީ ވަނީ، ދިވެހިރާއްޖޭގައި ވޭޕްކުރުން ރައީސުލްޖުމްހޫރިއްޔާ މަނާ ކުރެއްވީ އެމަނިކުފާނުގެ ދަރިކަލުން އުމައިރު މުޙައްމަދު މުޢިއްޒު އެކަން ކުރަން ފެށުމުންކަމަށް ބުނެ ތުހުމަތު ކޮށްފައެވެ.
މަންދީގެ އެވާހަކަތަށް ކުށްވެރިކުރައްވާ ރައީސްގެ އާއިލާގެ ފަރާތްޕުޅުން މިމަހުގެ 15 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެޑަމް ސާޖިދާގެ ފަރާތްޕުޅުން ޤާނޫނީ ވަކީލު އާޒިމާ ޝަކޫރުވަނީ ބަޔާނެއް އިއްވަވާ ދެއްވާފައެވެ.
އެ ބަޔާނުގައި މެޑަމް ސާޖިދާ ވިދާޅުވެފައިވަނީ އުމައިރަކީ ދުވަހަކުވެސް ވޭޕް ބޭނުންކުރި ކުއްޖެއް ނޫން ކަމަށާއި ދުންފަތުގެ އިސްތިއުމާލުވެސް ކުރި ކުއްޖެއް ނޫން ކަމުގައެވެ. އަދި އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކާ ގުޅޭގޮތުން އެފަދަ ހަގީގަތެއްނެތް ވާހަކަ ފަތުރާފައިވާތީ މަންދީއާއި އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒް އިސްމާއިލް އަދި އެމްޑީޕީގެ މައްޗަށް މަދަނީ ޝަރީޢަތް ހިންގުމަށް މިހަފްތާ ތެރޭގައި ދައުވާ ކުރައްވާނެކަމަށް އެ ބަޔާނުގައި މެޑަމް ސާޖިދާ ވަނީ ހާމަކުރައްވާފައެވެ.
މިކަމާ ގުޅޭގޮތުން މެޑަމް ސާޖިދާގެ ޤާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން އާޒިމާ ސޮއިކުރައްވާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ރައީސްގެ ދަރިކަލުންނަށް ނިސްބަތްކޮށް މަންދީ ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، އެދަރިކަލުންގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނޭ ހާލަތެއް މެދުވެރިކުރުވައި، ދަރިކަލުން އުމައިރުގެ ކިޔެވުމާއި މުސްތަޤުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ހާލަތްތެއް މެދުވެރިކޮށްފައިވީހިނދު، އެވާހަކަތަކުގެ ސަބަބުން ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ނަގާލާފައިވާތީއާއި، ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ނިގުޅައިގެންފައިވާތީ، އުމައިރުގެ މަންމަ، މެޑަމް ސާޖިދާގެ ފަރާތްޕުޅުން މިއަދު، މަންދީއާ ދެކޮޅަށް ސިވިލް ކޯޓުގައި މައްސަލައެއް ހުށަހަޅުއްވާފައިވާ ކަމަށެވެ.
މަންދީއާ ދެކޮޅަށް ހުށަހަޅާ މި މައްސަލައަކީ މައެއްގެ ހައިސިއްޔަތުން ފަސްޓްލޭޑީ ހުށަހަޅުއްވާ މައްސަލައެއްކަމަށް މީގެކުރިން އެކަމަނާވަނީ ވިދާޅުވެފައެވެ.




