ތިލަފުށީގައި ކުނިން ހަކަތަ އުފައްދާ ނިޒާމު އަންނަ އަހަރު އޮޕަރޭޝަނަށް ގެނެވޭނެކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެގޮތުން މި މަޝްރޫޢުގެ ދަށުން އުފައްދާ 10 މެގަވޮޓްގެ ހަކަތަ ބޭނުންކުރާނީ މާލެ ސަރަޙައްދުގައިކަން މިނިސްޓަރުގެ ވާހަކަފުޚުގައި ފާހަގަކުރެއްވެވިއެވެ.
މިނިސްޓަރު ޠާރިޤް މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ބުރާސްފަތި ދުވަހު ތިލަފުށްޓަށް ކުރެއްވި ޒިޔާރަތެއްގައި، އެ ސަރަޙައްދުގައި ހުރި ކުނި މެނޭޖްކުރުމުގެ ވަސީލަތްތައް ބައްލަވާލައްވައި، އެތަނުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، ފާހަގަ ކުރެއްވި ކަންތައްތަކަށް ފަހުގައެވެ.
އެތޮތުން، އަންނަ ތިން އަހަރުގެ ތެރޭގައި ކުނި އެއްކޮށް ޕްރޮސެސްކުރުމަށް އައު ނިޒާމެއް ޤާއިމުކުރެވިފައިވާ ކަމަށްވެސް އެމަނިކުފާނު ހާމަކޮށްފައިވެއެވެ.
ރައީސް ޑރ.މުޢިއްޒުގެ މި ދަތުރުފުޅުގައި، މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފެށޭނެކަމަށްވެސް އިޢުލާނުކުރައްވާފައިވެއެވެ. މިއީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ދެކެއެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަވެގެންދާނެކަމަށް އުންމީދުކުރެވެއެވެ. އަދި ހަމައެހެންމެ، ކުނިން އުފައްދާ ހަކަތައިން މާލެ ސަރަޙައްދުގެ ކަރަންޓުގެ ބޭނުންތަކަށް އެހީތެރިވެދޭނެކަމަށްވެސް ބެލެވެއެވެ.




