މިއަހަރުގެ ފިޠުރު ޢީދާ ދިމާކޮށް ސަރުކާރުން މިހާރު ހަރުކުރަމުންދާ ޢީދު ލައިޓުތައް މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ދިއްލަން ފަށާނެ ކަމަށް ސިޓީޒް، ލޯކަލް ގަވަރންމެންޓް އެންޑް ޕަބްލިކް ވޯރކްސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރެކޭ ވެސް އެއްފަދައިން މިއަހަރު ވެސް ފިޠުރު ޢީދު ދުވަހު ރާއްޖޭގެ ރަށްތައް ދިއްލުމަށް ބޭނުންވާނެ ވަޞީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި އެގޮތުގެ މަތިން މިއަހަރު 36 ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޢީދު ލައިޓު ފޮނުވަން ނިންމާފައިވާ ކަމަށް މިނިސްޓަރ އާދަމް ޝަރީފު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވީ ޢީދު ލައިޓުތައް ދިއްލުމުގައި ފެނިގެންދާ އެކުވެރިކަމާއި، އޭގެ ޒަރީޢާއިން ފެނިގެންދާ އިސްލާމީ ޝިޢާރުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އިސްލާމީ ވަޙުދަތު ރައްކާތެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތު ވަރަށް ރަނގަޅަށް ހާމަވެގެންދާ ކަމަށެވެ. އަދި ރައީސް މުޢިއްޒު މާލެ ސިޓީގެ މޭޔަރުގެ ގޮތޮގައި ހުންނެވިއިރު ރަށްތަކުގައި ކުލަގަދަކޮށް ޢީދު ލައިޓުތައް ދިއްލަން ފެށި ހިސާބުން ފެށިގެން މިދިޔަ އަހަރުވެސް ލައިޓުތައް ގެނައުމުން އެކި ރަށްތަކުން ލައިޓު ބޭނުންވެގެން ހުއްޓުމެއްނެތި އެކަމަށް އެދެމުންދިޔަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން ލައިޓުތައް ހަރުކުރުމުގެ މަސައްކަތް މާލެ ސަރަހައްދުގައި މިހާރުވެސް ފެށިގެން ކުރިއަށްދާއިރު، މިއަހަރުގެ ފިޠުރު ޢީދަށް ފޯރިގަދަ ގިނަ ކަންތައްތަކެއް ރޭވިފައިވާކަން، ދައުކަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
”އެންމެ ފުރަތަމަ ކަމަށް ލައިޓުތައް އަޅުގަނޑުމެން 29 ވަނަ ދުވަހުގެ ރޭ ދިއްލާނަން. އަދި ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާގެ ޢީދު ސަލާން ކުރުން ވެސް އެބައޮތް. އަދި އެދުވަހުގެ (ޢީދު ދުވަހުގެ) ހަވީރު 4:00 އިން 6:00 އަަށް، މިހާތަނަށް ފާހަގަ ނުކުރާހާ ކުލަގަދަކޮށް، މާލޭގައި ޢީދު ދުވަސް ފާހަގަ ކުރެވިގެންދާނެ“ މިނިސްޓަރު ވިދާޅުވިއެވެ.
ޢީދު ދުވަހުގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތަފްސީލެއް އަދި ނުދެއްވިނަމަވެސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ، މިއީ ގިނަ ޖަމިއްޔާތަކެއް ގުޅިގެން ބާއްވާ ހަވީރެއް ކަމަށެވެ.



