މިއަހަރުގެ ފިޠުރު ޢީދުގެ މުނާބަތުގައި ސަރުކާރުން އިންތިޒާމު ކޮށްގެން އެދުވަހުގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ”ޢީދު ހަވީރު“ ގައި ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވެސް ބައިވެރިވެވޭނެ ކަމަށާއި އެ ހަރަކާތް ބޮޑު ސަރަހައްދެއްގައި ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
މޯލްޑިވްސް ޑިފެންސް ފޯސްއިން މިކަމާ ގުޅޭގޮތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހަރަކާތަކީ ބަރަކާތްތެރި ފިޠުރު ޢީދުގެ އުފަލުގައި އާއިލާތައް އެކުވެރި މާހައުލެއްގައި ބައްދަލުވެ ޢީދު ސަލާންކޮށް، ހިތްހަމަޖެހޭ މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ގޮތުން އެދުވަހު ހަވީރު މާލޭގައި ބާއްވާ ހަރަކާތެއް ކަމަށެވެ.
އެގޮތުން މި ހަރަކާތް އޮންނާނީ ސަލްޓަން ޕާކުން ފެށިގެން އިސްލާމީ މަރުކަޒު މައިދާނާއި، ޖުމްހޫރީ މައިދާނާއި އަދި ރަސްމީ ބޮޑުފާލަން ހިމެނޭހެން އެކަމަށް ތައްޔާރު ކޮށްފައިވާ ބޮޑު ސަރަހައްދެއްގައި ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
މީގެ އިތުރުން އެ ހަވީރަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމާއި، ޢީދު އުފަލުގައި ބާއްވާ ކުޅިވަރުތަކުގައި ބައިވެރިވުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. އަދި މުނިފޫހިފިލުވުމުގެ ތަފާތު އައިޓަމްތަކާއި ޢީދު ހަދިޔާ ދިނުންވެސް ކުރިއަށް ދާނެ ކަމުގައި ބުނެފައިވެއެވެ.
އެމްއެންޑީއެފްއާއި ފުލުހުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިންތިޒާމު ކޮށްގެން ބާއްވާ މިނހަރަކާތުގައި ބައިވެރިވުމުގެ ދައުވަތު އެ އިދާރާތަކުން ވަނީ އެންމެންނަށް ވެސް ދީފައެވެ.
މި ހަރަކާތް ކުރިއަށްދާނީ ޢީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ސަލްޓަން ޕާކުން ފެށިގެން ޖުމްހޫރީ މައިދާނު ހިމެނޭހެން ބޮޑު ސަރަހައްދެއްގައެވެ.




