ސްޓޫޑަންޓް ލޯނުން ނަގާ އިންޓްރެސްޓާއި އިތުރު ފީތައް އުނިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މިކަމާ ގުޅޭގޮތުން ރައީސް މުޢިއްޒު މިރޭ ”އެކްސް“ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫ ކޮށްފައިވާ ލޯނުތަކަކީ، އިސްލާމީ ހަމަތަކަށް ފެތޭ، ”ޝަރީޢާ ކޮމްޕްލަޔަންޓް“ ލޯނުތަކަކަށް ހެދުމަށްޓަކައި ބައެއް ކަންކަން ތަންފީޒު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް މިއަދު ވާނީ ދަންނަވާފައިވާ ކަމަށެވެ.
އެގޮތުން ތަންފީޒު ކުރަން ރައީސް އަންގަވާފައިވާ ކަންތައްތަކަކީ:
° ރާއްޖެއާއި ރާއްޖެއިން ބޭރުން ތަޢުލީމާ ތަމްރީނު ހޯދުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ދޫކުރާ ލޯނު ޝަރީޢާ ކޮމްޕްލަޔަންޓް ލޯނެއްގެ ގޮތުގައި ހަމަޖެއްސުމުގެ ގޮތުން ލޯނާއެކު ހިމެނިފައިވާ %1 އެޑްމިނިސްޓްރޭޓިވް ފީ ގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކުރުމާއި ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖް ނުކުރުން.
° ކުރިން ލޯނު ނަގައިފައިވާ ފަރާތްތަކުން ދައްކަން ހުންނަ ފައިސާއިންވެސް، އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް އެދަރިވަރުންގެ ލޯނު އަދަދުތައް އަލުން އެޖަސްޓްކުރުން.
މީގެ ކުރިން އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގާ އިންޓްރެސްޓް ބޮޑުކަމުން، %1 އަށް އެ އަދަދު ކުޑަކުރީ، ކުރީ ސަރުކާރުންނެވެ. އަދި މިއަދު ރައީސް މުޢިއްޒު މިވަނީ އެ އަދަދު އެއްކޮށް އުނިކުރައްވާފައެވެ.




