މިއަހަރުގެ ފިޠުރު ޢީދުގެ މުނާބަތުގައި ސަރުކާރުން އިންތިޒާމު ކޮށްގެން އެދުވަހުގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ”ޢީދު ހަވީރު“ ގައި ކުޑަކުދިން ޝައުޤުވެރިވާނެ ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމުގައި ސަރުކާރާއި، މި ހަރަކާތް އިންތިޒާމުކުރާ ކުންފުނިތަކުން ބުނެފިއެވެ.
ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވެސް ބައިވެރިވެވޭނެ މި ހަރަކާތް ބޮޑު ސަރަހައްދެއްގައި ކުރިއަށްދާނެ ކަމަށް މީގެކުރިން އެމްއެންޑީއެފްއިން ވެސް ވަނީ މީގެކުރިން ބުނެފައެވެ.
އެގޮތުން މޯލްޑިވްސް ޑިފެންސް ފޯސްއިން މިކަމާ ގުޅޭގޮތުން ކުރިން ބުނެފައިވަނީ މި ހަރަކާތަކީ ބަރަކާތްތެރި ފިޠުރު ޢީދުގެ އުފަލުގައި އާއިލާތައް އެކުވެރި މާހައުލެއްގައި ބައްދަލުވެ ޢީދު ސަލާންކޮށް، ހިތްހަމަޖެހޭ މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ގޮތުން އެދުވަހު ހަވީރު މާލޭގައި ބާއްވާ ހަރަކާތެއް ކަމަށެވެ.
މި ހަރަކާތް އޮންނާނީ ސަލްޓަން ޕާކުން ފެށިގެން އިސްލާމީ މަރުކަޒު މައިދާނާއި، ޖުމްހޫރީ މައިދާނާއި އަދި ރަސްމީ ބޮޑުފާލަން ހިމެނޭހެން އެކަމަށް ތައްޔާރު ކޮށްފައިވާ ބޮޑު ސަރަހައްދެއްގައެވެ.
މީގެ އިތުރުން އެ ހަވީރަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމާއި، ޢީދު އުފަލުގައި ބާއްވާ ކުޅިވަރުތަކުގައި ބައިވެރިވުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. އަދި މުނިފޫހިފިލުވުމުގެ ތަފާތު އައިޓަމްތަކާއި ޢީދު ހަދިޔާ ދިނުންވެސް ކުރިއަށް ދާނެ ކަމުގައި ބުނެފައިވެއެވެ.
މިއީ އެމްއެންޑީއެފްއާއި ފުލުހުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތައް ކަމަށްވާ އެމްޓީސީސީ، ސްޓެލްކޯ، އެމްއޭސީއެލް، ވެމްކޯ، އެމްޑަބްލިޔުއެސްސީ، އެމްޕީއެލް، އާރްޑީސީ އަދި އެޗްޑީސީން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
”ޢީދު ހަވީރު“ ކުރިއަަށްދާނީ އެ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށެވެ.




