ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު، މިއަހަރުގެ ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި ރައްޔިތުންނާ ޢީދު ސަލާމް ކުރައްވައިފިއެވެ.
ޢީދު ސަލާމް ކުރެއްވުން ކުރިއަށް ގެންދެވީ މިއަދު ހެނދުނު 9:00 އިން 11:00 އަށް، ރިޔާސީ ގަނޑުވަރު މުލިޔާގޭގައެވެ.
ރައީސްގެ ދެކަނބަލުންނާ އީދު ސަލާމް ކުރެއްވުމަށް ވަޒީރުންނާއި މަޖިލިސް މެންބަރުންގެ އިތުރުން އާންމުންގެ ކުދިބޮޑު ގިނަ ބަޔަކު ވެސް މުލީއާގެއަށް ދިޔައެވެ.
ރާއްޖޭގައި މިއަދު ފިތުރު އީދު ފާހަގަކުރާއިރު ރައީސް ވަނީ ރައްޔިތުންނަށް އީދުގެ ތަހުނިޔާ ރޭ ފޮނުއްވައިފަ އެވެ.
އީދުގެ ތަހުނިޔާ ފޮނުއްވައި ރައީސް ފޮނުއްވި ހިތޯބުގައި ވިދާޅުވީ އީދު ދުވަހުގެ އެންމެ ހާއްސަ އަޒުމަކަށް ވާންވީ އަމިއްލަ ނަފްސު އިސްލާހު ކުރުން ކަމަށެވެ.
މީގެއިތުރުން ސަރުކާރުން މަސައްކަތްކުރާނީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޝިއާރުތައް އުފުލުމުގައި ނަމޫނާ ގައުމަކަށް ރާއްޖެ ހެދުމަށް ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.




