ބަލިޖެހުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ”އިންވެސްޓްކުރަން“ ނުވަތަ އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭކަމަށާއި، އެފަދަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ”ޕްރިވެންޓިވް ހެލްތު ކެއަރ“ ނުވަތަ ބަލިޖެހުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، ޞިއްޙީ ދާއިރާއިން އިސްކަންދޭން ބޭނުންފުޅުވާކަމުގައި ފާހަގަކުރެއްވިއެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުމުން ޖީލެއް ދުރުކުރެވުމަކީ ހަޤީޤަތުގައި، ޕްރިވެންޓިވް ހެލްތު ކެއަރގެ ތެރެއިން ހާސިލުކުރެވޭނެ އެންމެ ބޮޑު އަމާޒުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ”ޕްރިވެންޓިވް ހެލްތު ކެއަރ“ އަށް މަގުފަހިކުރުމުގެ ގޮތުން ތަރުކާރީއާ މޭވާގެ ބާވަތްތަކާއި، ރަނގަޅު ކާނާ ލިބޭނެ މަގުފަހިކޮށްދެއްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މޫދު ކަސްރަތަކީވެސް ހަށިގަނޑަށް ވަރަށް ފައިދާހުރި ކަމެއްކަން ފާހަގަކުރައްވައި، މޫދަށް އެރޭނެ ތަންތަން ނެތް ރަށްރަށުގައި، މަޝްރޫޢުތައް ކުރިއަށްގެންދަވަނީ އެކި މަޝްރޫޢުތަކުގެ ތެރޭގައި މޫދަށް އެރޭނެ ތަންތަން ހިމަނައިގެން، ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
”މިއަންނަ އަހަރުގެ ނިޔަލަށް ކޮންމެ ރަށެއްގައިވެސް އައުޓްޑޯ ޖިމެއް ޤާއިމުކުރެވޭނެ. އަދި ކުޑަކުދިންވެސް ބޭރަށް ނުކުމެ ހަރަކާތްތެރިވެ އުޅުމަށާއި، އާއިލާއާއެކު ވަގުތު ހޭދަކޮށްލުމަށް، ކުޑަކުދިންގެ ޕާކްތައްވެސް ހަދަމުން މިގެންދަވަނީ. އެކަމުގެ ސަބަބުން ސިކުނޑިއަށްވެސް ހަމަޖެހުން ލިބިގެންދާނެ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މި މަސައްކަތުގެ ތެރެއިން މާލޭގެ ހަލާކުވެފައިވާ ޕާކުތައް މަރާމާތުކޮށްދެއްވުމަށް ނިންމަވާފައިވާކަމަށެވެ. މިގޮތުން ސަލްޓަން ޕާކު މަރާމާތު ކުރުމުގެ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ޕާކް ތަރައްޤީ ކުރައްވާނީ ”އެޑްވެންޗަރަސް“ ކަންކަން ހިމަނައިގެން ކަމުގައެވެ.
މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުން ހިންގާ ކުޅިވަރާގުޅުންހުރި މަޝްރޫޢުތައް ހިންގަވަނީވެސް ”ޕްރިވެންޓިވް ހެލްތު ކެއަރ“އަށް މަގުފަހިކުރުމުގެ މަޤްޞަދު ހާސިލުކުރެވޭނެ ގޮތަށްކަމަށެވެ.
މިއަދުގެ ޕޮޑްކާސްޓުގައި، އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ހިންގޭ ޕަބްލިކް ހެލްތުގެ ކަންކަން ހަރުދަނާ ކުރެއްވުމަށާއި، ދަމަނަވެށީގެ ޚިދުމަތް ކޮންމެ އަތޮޅެއްގައި ދިނުމަށް، މަސައްކަތްޕުޅުތަކެއް ކުރައްވާކަން އެމަނިކުފާނު ވަނީ ޙިއްޞާ ކުރައްވާފައެވެ.
އެގޮތުން މި ސަރުކާރުން ތަންފީޒުކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ވަށައިޖެހޭ ޞިއްޙީ ޚިދުމަތުގެ ސިޔާސަތެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި ކަންކަން މި ފަދައިން ކުރެވުމާއެކު، ޑޮކްޓަރަށް ދައްކަންޖެހޭވަރު މަދު ކުރެވި، ރާއްޖޭގައި ތިބެގެން ޞިއްޙީ ޚިދުމަތް ހޯދުމުގެ ފުރުޞަތުތައް ފަހިވެގެންދާނެ ކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދުގެ ޙާލަތު އޮތް ގޮތުން ރާއްޖެއިން ބޭރަށް ގޮސް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ޙާލަތްތައް މެދުވެރިވާ ކަމަށާ، ނަމަވެސް އެއީ ފަސޭހަ ކަމެއް ނޫންކަން ފާހަގަކުރައްވައި، ބަލިޖެހޭ ހިސާބުން، ރާއްޖޭގައި ތިބިގެން ފަރުވާ ކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައި އޮންނަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.



