މޯލްޑިވިއަން ބްލަޑް ސާރވިސަސް އަށް ފަންނީ ގޮތުން ބޭނުންވާ ޑިރެކްޓަރ ޖެނެރަލް އެއް ހޯދަން އިއުލާންކޮށްފިއެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މަސައްކަތަށް އިތުރަށް ހަރުދަނާކުރުމަށްޓަކައި ސިވިލް ސާރވިސްގެ ތެރޭގައި (އެހެން އިދާރާއެއްގައި) މަސައްކަތް ކުރައްވަމުން ގެންދިޔަ ޑިރެކްޓަރ ޖެނަރަލެއް ހަމަޖައްސައި އެބޭފުޅާގެ ބެލުމުގެ ދަށުން ބްލަޑް ސަރވިސްގެ މަސައްކަތް މިހާރު ވަނީ ހަމަޖައްސާފައެވެ.
މި މަގާމަށް ސިވިލް ސަރވިސް އިން މިއަދު އިއުލާންކޮށްފައިވާއިރު މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.
މި މަގާމަށް ކުރިމަތިލުމުގެ އިތުރު ތަފްސީލް ތިރީގައިވާ ލިންކުން ލިބޭނެއެވެ.
https://www.gazette.gov.mv/iulaan/334552
ތެލެސީމިއާ ސެންޓަރުގެ ޚިދުމަތްތައް ރަނގަޅު ނޫންކަމަށް ބުނެ ތެލެސީމިއާއަށް ފަރުވާ ހޯދަމުންދާ ބަލި މީހުންނާއި އެމީހުންގެ އާއިލާތަކުން، މިދިޔަ މަހުގެ 22 ވަނަ ދުވަހު ވަނީ އެ ސެންޓަރުންގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާ ކޮށްފައެވެ.
އެ މުޒާހަރާކުރިތާ 24 ގަޑިއިރު ނުވަނީސް، އެތަނުގެ ހާލަތު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އަށް ވަޑައިގެންނެވިއެވެ.
ރައީސް މުޢިއްޒުގެ އެ ބައްދަލުކުރެއްވުމުގައި އެމްބީއެސްގެ ހުރިހާ ޑިޕާޓްމަންޓެއްގެ ހާލަތު ވަނީ ބައްލަވާލައްވާފައެވެ.
ތެލެސީމިއާ ކުދިންގެ އާއިލާތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކުގެ ތެރެއިން، މިވަގުތުން ފެށިގެން ހައްލު ކުރެވެން ހުރި ހުރިހާ ކަމެއް ހައްލު ކުރުމަށް ކަމާބެހޭ އިދާރާތަކުގެ ވެރިންނާ މަޝްވަރާ ކޮށްގެން ފިޔަވަޅުތައް އަޅަން ސަރުކާރުން ވަނީ ފަށާފައެވެ.




