ސްކޫލް ފެންވަރުގައި ބާއްވާ ރަސްމިއްޔާތުތަކުގެ ޝަރަފުވެރި މެހެމާނަކަށް އެ ސްކޫލެއްގެ ޕްރިންސިޕަލް ހަމަޖައްސައި، އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރާ ރަސްމިއްޔާތުތަކަށް އެ މިނިސްޓްރީން މެހެމާނުން ހަމަޖެއްސުމުގެ ބާރު ލިބޭ ގޮތަށް އާ އުސޫލެއް އެ މިނިސްޓްރީން އެކުލަވާލައިފިއެވެ.
އެގޮތުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އާ އުސޫލުތަކަކާއެކު ”ސްކޫލްތަކުން ފާހަގަކުރާ ރަސްމިއްޔާތުތަކަށް ޝަރަފުވެރި މެހެމާނުން ހަމަޖެއްސުން“ ސަަކިއުލާއެއް އެލުލަވާލާފައެވެ.
އެ ސާކިއުލާގައި ބުނެފައިވަނީ ސްކޫލްތަކުން ބާއްވާ ރަސްމިއްޔާތުތައް ޝަރަފުވެރި ކުރުމަށް ހަމަޖައްސާ މީހަކީ މުޖުތަމައު ގަބޫލުކުރާ އަދި އަޚުލާގީ ގޮތުން ދަރިވަރުންނަށް ނަމޫނާ މީހަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެ މެހެމާނަކަށް، ދަރިވަރުންނާ ގުޅޭ މައުލޫމާތުވެސް ފޯރުކޮށްދެވެން ޖެހޭނެ ކަމުގައި ބުނެފައިވެއެވެ.
މީގެއިތުރުން އެމީހަކީ އެއްވެސް ބާވަތެއްގެ ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާ މީހެއް ކަމުގައި ނުވުމާއި، އެފަދަ ކުށެއްގެ ތަހުގީގެއް ވެސް ކުރެވެމުންދާ މީހަކަށް ވެގެން ނުވާނެ ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ. އެފަދަ ކުށެއްގެ ސަބަބުން ހުކުމެއް ތަންފީޒުކޮށްފިނަމަ އެ މީހާއަކީ އެ ހުކުމް ތަންފީޒުކުރިތާ 10 އަހަރުވެފައިވާ މީހަކަށް ވާންޖެހެއެވެ. ހަމައެއާއެކު ކުޑަ ކުއްޖަކަށް އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރިކަމުގެ ކުށެއް ސާބިތުވެ، އެފަދަ ކުށެއްގެ ރެކޯޑެއް އޮތް މީހަކުކަމުގައި ވެގެން ނުވާނެއެވެ.



