ލޯނު ސްކީމްގައި ކިޔަވާ ދަރިވަރުންނަށް، ބޭންކު ރޭޓުގައި ޑޮލަރު ހޯދުމަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށާއި، މި މައްސަލައަށް ހައްލު ހޯއްދެވުމުގެ މަސައްކަތްތައް މިހާރުވެސް ފައްޓަވައިގެން ކުރިއަށް ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ، ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 3 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި، އެ ޤައުމުތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި، އެ ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވާއިރު، ލޯނު ސްކީމުގައި ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ދަރިވަރުން އެދޭކަން، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެންކަމުން މި މައްސަލައަށް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވުމަށް ފިނޭންސް މިނިސްޓަރަށް ދަންނަވައިގެން، އެކަމުގެ މަސައްކަތްތައް މިހާރުވެސް ފެށިގެން ކުރިއަށްދާ ކަމުގައި ރައީސް ވިދާޅުވިއެވެ. މި މަސައްކަތްތައް ކުރިއަށް ދަނީ ގަވަރުނަރުގެ މަޝްވަރާއާ އެކުގައި ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ލޯނު ސްކީމްގައި ކިޔަވާ ދަރިވަރުންނަށް، ބޭންކު ރޭޓުގައި ޑޮލަރު ހޯދުމަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދެއްވާނީ، ރާއްޖޭގެ ބާޒާރަށްވެސް އެ ކަމުން ނުރަނގަޅު އަސަރެއް ނުފޯރާ ގޮތަށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ލޯނު ސްކީމްގައި ކިޔަވާ ދަރިވަރުންނަށް، ބޭންކު ރޭޓުގައި ޑޮލަރު ލިބި، އެ ފައިސާ ބޭނުން ކުރެވެން ވާނީ އެ ދަރިވަރަކު ކިޔަވަމުންދާ ޤައުމެއްގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖެއިން ބޭރުގައި ލޯނު ސްކީމާއި ސްކޮލަރޝިޕް ޕްރޮގްރާމްތަކުގެ ދަށުން ތަޢުލީމު ހާސިލުކުރުމުންދާ ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ މާލީ އެހީތެރިކަން ޤަވާޢިދުން ފޯރުކޮށްދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވައެވެ. ޤައުމުން ބޭރުގައި، ލޯނު ސްކީމުގެދަށުން މި ވަގުތުވެސް 1600 އަށް ވުރެ ގިނަ، ދިވެހި ދަރިވަރުން ދަނީ މަތީ ތަޢުލީމު ހާސިލު ކުރަމުންނެވެ.
ރައްޔިތުންގެ އަޑުއައްސަވައި، ރައްޔިތުންނާ ގާތުން، ރައްޔިތުންގެ މަޝްވަރާއާއެކު ސަރުކާރު ހިންގެވުމަކީ، ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަންދެއްވާ އެއް ސިޔާސަތެވެ.




