ތުރުކީއާއި ހަންގޭރީއާއެކު ރާއްޖޭގެ ގުޅުން ބަދަހިކުރުމުގެ މަޝްވަރާ ބައްދަލުވުންތަކެއްގައި ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގަންނަވައިފިއެވެ. މި ބައްދަލުވުންތައް ބާއްވާފައިވަނީ އެ ޤައުމުގެ އަންތާލިޔާގައި ކުރިއަށްދާ ޑިޕްލޮމެސީ ފޯރަމުގެ ހަވާސާގެ ތެރެއިންނެވެ.
މިމަހުގެ 11 އިން 13 އަށް ކުރިއަށްގެންދާ މި ފޯރަމުގެ ހަވާސާގެ ތެރެއިން، މިނިސްޓަރ ޚަލީލް ގެންދަވަނީ އެކި ޤައުމުތަކާއެކުގުޅުން ބަދަހިކުރުމުގެ ބައްދަލުވުންތަކުގައި ބައިވެރިވަޑައިގަންނަވުންނެވެ.
އެގޮތުން މިނިސްޓަރ ފުރަތަމަ ބައްދަލުކުރެއްވީ، ތުރުކީގެ ވިޔަފާރިއާއި ބެހޭ މިނިސްޓަރު ޕްރޮފެސަރ ޑރ. އޮމާރް ބޮލާޓްއާއިއެވެ. މި ބައްދަލުވުމުގައި، ދެ ޤައުމުގެ ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން އިތުރު ބަދަހިކުރުމަށް މަޝްވަރާކުރެއްވިއެވެ.
ދެވަނައަށް ބައްދަލުކުރެއްވީ އެ ޤައުމުގެ ސަޤާފަތާއި ފަތުރުވެރިކަމާއި ބެހޭ ވަޒީރު މެހެމަތު ނޫރީ އެރްސޯއީއާއެވެ. މި ބައްދަލުވުމުގައިވެސް ގުޅިގެން މަސައްކަތް ކުރުމަށާއި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ފުރުސަތުތަށް ފަހިކުރުމަށް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރ ޚަލީލް މިހާރު ވަނީ ހަންގޭރީގެ ފޮރިން އަދި ވިޔަފާރިއާއި ބެހޭ މިނިސްޓަރ ޕީޓަރ ސިއާރޓޯ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ހަންގޭރީއާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް ކުރިއަށް އޮތް ދުވަސްތަކުގައި މި ގުޅުން ދަމަހައްޓައި، ވަރުގަދަ ކުރާނެކަމުގެ ޔަޤީންކަން ދެ ބޭފުޅުން ވަނީ އަރުވާފައެވެ.



