އިންޑިއާގެ އަސްކަރީ މަނަރެއް ކަމުގައިވާ ”އައިއޯއެސް ސާގަރް“ ރާއްޖެއަށް އަންނަން ދަތުރު ފަށައިފިއެވެ.
އެ ޤައުމުގެ ނޭވީއިން އިއްޔެ ބުނީ، އައިއޯއެސް ސާގަރު މިހާރު ވަނީ ސީޝެލްސްގެ ބަނދަރު، ވިކްޓޯރިއާއިން ރާއްޖެ އައުމަށް ދަތުރު މިދިޔަ ހުކުރު ދުވަހު ދަތުރު ފަށާފައި ކަމަށެވެ. އެ މަނަވަރަށް ރާއްޖެ އާދެވޭނީ މި ހަފްތާގެ އަންގާރަ ދުވަހުއެވެ.
އިންޑިއަން ނޭވީއިން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އައިއޯއެސް ސާގަރު ރާއްޖެއަށް ބަނދަރުކުރާނީ އިންޑިއާއަށް އަނބުރާ ދިއުމުގެ ކުރިން، އެންމެ ފަހު ތަނެއްގެ ގޮތުގައި ކަމަށެވެ.
ސީޝެލްސް އަށް އެ މަނަވަރު ބަނދަރު ކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ބޭރުގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މަނަވަރު ބަނދަރު ކުރުމަށްފަހު އޭގައި ސީޝެލްސްގެ ބައެއް އިސްވެރިންނާއި އިންޑިއާގެ ނޭވީގެ އިސްވެރިންތަކެއް ވަނީ މަޝްވަރާތަކެއް ވެސް ކޮށްފައެވެ.
މި މަނަވަރު ދަތުރު ފެށީ، އިންޑިއާ ކަނޑު ސަރަޙައްދުގެ ނުވަ ޤައުމަކުން 44 ފަޅުވެރިން ހިމެނޭހެންނެވެ. އޭގެ ތެރޭގައި، އިންޑިއާ، ޝްރީ ލަންކާ، މޮރިޝަސް، މޮޒަމްބިކް، ކޮމޮރޮސް، ކެންޔާ، ޓެންޒޭނިއާ، ސީޝެލްސް، އަދި ރާއްޖެ ހިމެނެއެވެ.
އިންޑިއާގެ މަނަވަރެއް އަނެއްކާ ވެސް ރާއްޖެ އަންނައިރު، މިދިޔަ ހަފުތާ ތެރޭ އެ ގައުމުގެ ’އައިއެންއެސް ކޮޗީ‘ ވެސް ވަނީ މާލެ އައިސްފައެވެ.




