މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ގެ ނަމުގައި މާލީ ފްރީޒޯނެއް ގާއިމުކުރާ ތަނުގެ ބިންގާ މިއަދު އަޅައިފިއެވެ.
އެމްއައިއެފްސީގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއާއެކު ވަނީ ސޮއިކޮށްފައެވެ. އެ ފްރީ ޒޯން ގާއިމުކުރަނީ މިހާރު ހިއްކަމުން އަންނަ ހުޅުމާލޭ ފޭސް 3 ގައެވެ.
މާލީ ފްރީ ޒޯންގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވީ، މިއީ ކުރިއަށް އޮތް 50 އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދިއުމަށް މުހިއްމު ޕްރޮޖެކްޓެއް ކަމަށާއި އެ ޕްރޮޖެކްޓާ އެކު އިތުރު އިންވެސްޓަރުންނާ އެކު ރާއްޖެ އިން އިގްތިސާދީ ބޮޑު ބަދަލެއް ފެންނާނެ ކަމަށެވެ.
އެމްއައިއެފްސީގެ މާލީ ފްރީ ޒޯނަކީ ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން ގާއިމް ކުރާ ތަނެކެވެ.
އެގޮތުން އެތަނުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެމްބީއެސް ގްލޯބަލް ގްރޫޕުގެ ސީއީއޯ ނަދީމް ހުސައިން ވިދާޅުވީ، އެ ތަނުގެ ފައިނޭންޝަލް ސެންޓަރާ އެކު، އެ ސަރަހައްދު ވާނީ، މާލީ އާ ބަދަލުތަކެއް ފެންނާނެ ސަރަހައްދަކަށް ކަމަށެވެ. އަދި އިތުރު ބޭރުގެ އިންވެސްޓްމެންޓްތަކަށް ގިނަ ފުރުސަތުތަކެއް ފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ސެންޓަރުގެ ޖުމްލަ ބޮޑުމިނަކީ 780،000 އަކަމީޓަރުގެ ސަރަހައްދެކެވެ. މި ސަރަހައްދުގައި 6،500 އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ކަމަށް ބަލާފައިވާއިރު، ދުވާލެއްގެ މައްޗަށް 35،000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެ އެވެ.




