ރާއްޖޭގައި ތިބި ތެލެސީމިއާ ކުދިންނަށް ތަފާތު ކުރުމެއްނެތި މުޖުތަމައުއިން ފުރުސަތު ދޭން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން އެމަނިކުފާނު މިއަދު ފޮނުއްވި ޚިޠާބުގައެވެ.
އެގޮތުން އާބާދީގެ ނިސްބަތުން ބަލާއިރު، ތެލެސީމިއާ ކުދީންގެ އިންސައްތަ އެންމެ މަތީ އެއް ޤައުމަކީ ދިވެހިރާއްޖެކަން އެމަނިކުފާނު ފާހަގަ ކުރައްވާފައިވެއެވެ. އަދި އާބާދީގެ ކޮންމެ އަށާރަ މީހުން ކުރެ އެކަކީ، ތެލެސީމިއާ ވާރުތަވުމުގެ ފުރުޞަތު އޮތް ކެރިއަރެކަމާއި އެހެންކަމުން، ތެލެސީމިއާ އާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށާއި، ފަރުވާ ދެވޭނެ ވަސީލަތްތައް ފަހިކުރުމަށް ދިވެހިރާއްޖޭގައި ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭކަމުގައި ރައީސް މުޢިއްޒު ވިދާޅުވީއެވެ.
ރައީސް ވިދާޅުވީ ތެލެސީމިއާ ކުދިން ޞިއްޙަތު ސަލާމަތުން ބޭތިއްބުމަށާއި، އެކުދީންނަށް ގަވާއިދުން ފަރުވާ ދިނުމަށް، އިސްކަން ދިނުމަކީ ކަމާބެހޭ އިދާރާތަކުގެ ޒިންމާއެއް ކަމަށެވެ.
”ހަމައެކަނި ފަރުވާއެއް ނޫން. އެކުދީންނާ އޯގާތެރިކޮށް މުޢާމަލާތު ކުރުމާއި، އުނގަންނައިދިނުމާއި، އާމުދަނީ ހޯދޭނެ މަގުތައް ހުޅުވައިދިނުމާއި، އެހެން ކޮންމެ ދިވެއްސެކޭ އެއްފަދައިން، މި ޤައުމުން ލިބިދޭ ހުރިހާ ފުރުޞަތަކާއި ޙައްޤުތަކެއްވެސް އެކުދީންނަށް ފުރިހަމައަށް ލިބިދެވޭނެކަން ޢަމަލާއި ބަހުން އަޅުގަނޑުމެން ސާބިތުކޮށްދޭން ޖެހޭ.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި، ތެލެސީމިއާ ކުދީންނަށްޓަކައި އެމަނިކުފާނު ހާމަކުރި ތަޞައްވުރާއި، ވީ ވަޢުދުތައް މާތް ﷲ ގެ ވާގިފުޅާއެކު ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށް ރައީސް މުޢިއްޒުގެ ޚިޠާބުގައި ވަނީ ވަޢުދުވެވަޑައިގެންފައެވެ. އަދި ތެލެސީމިއާ ކުދީންނާއި ޢާއިލާތަކާއި ސީދާ އެމަނިކުފާނު ބައްދަލުކޮށް، އެކުދިންނާއި ބެލެނިވެރިންގެ އަޑުއަހައި، އަދި އެ ކުދީންނަށް ފަރުވާ ދޭގޮތް ސީދާ ލޮލުން ދުށުމަށް ފަހު، އެތައް އަހަރެއް ވަންދެން ބޮއްސުންލާފައިއޮތް ކަންކަން ހަމަމަގަށް އަޅުވަން، މި ސަރުކާރުންކުރާ މަސައްކަތުން، އިރާދަކުރެއްވިއްޔާ އެކުދީންނާއި ޢާއިލާތަކަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނަސްދެއްވާނެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން ރައީސް މުޢިއްޒު ވަނީ، މިދުވަހުގެ ތަހުނިޔާ އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުން ވެސް ފޮނުއްވާފައެވެ.
Subscribe to Updates
Get the latest creative news from FooBar about art, design and business.



