ދިވެހި ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވިއްކި ޓީބިލުގެ ތެރެއިން، މި މަހު ދައްކަންޖެހޭ 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުން އަވަށްޓެރި އިންޑިއާއިން އަނެއްކާ ވެސް ފަސްކޮށްދީފިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި 2019 ވަނަ އަހަރު ސަރުކާރުން ވަނީ ބަޖެޓް ސަޕޯޓަށް އެސްބީއައި މެދުވެރިކޮށް 200 މިލިއަން ޑޮލަރު ހޯދައިފައެވެ. އޭގެތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ.
ބާކީ 150 މިލިއަން ޑޮލަރު ލިބުނީ 50 މިލިއަން ޑޮލަރުގެ ތިން ޓީބިލްގެ ގޮތުގަ އެވެ. އޭގެ ތެރެއިން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވަނީ 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ގެ އެއް ޓީބިލް ސަރުކާރުން އަނބުރާ ދައްކައިފަ އެވެ. ބާކީ ނުދައްކާ ހުރި 100 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މިދިޔަ އަހަރުގެ މެއި މަހު އަނބުރާ ދައްކަން ޖެހިފައި ވަނިކޮށް އެ ފައިސާ ވެސް އިންޑިއާ ސަރުކާރުން އިތުރު އެއް އަހަރަށް އެ މަހު ދަންމާލިއެވެ.
އިންޑިއާ ސަރުކާރުން އިތުރު ކޮށްދިން އެއް އަހަރު ދުވަހުގެ މުއްދަތު މިމަހު ހަމަވާއިރު، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެ ޓީބިލު އަނބުރާ ދެއްކުން އަނެއްކާވެސް ފަސްކޮށްދީފައިވާކަން ހާމަކުރައްވައިފަ އެވެ.
މިކަން ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ވެސް ވަނީ ޔަގީން ކޮށްދެއްވާފައެވެ.
އެގޮތުން އެ ކޮމިޝަނުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދިވެހި ސަރުކާރުން އެސްބީއައިއަށް ވިއްކި ޓީބިލްގެ ތެރެއިން މިމަހު ދައްކަން އޮތް 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުން، އިތުރު އެއް އަހަރުގެ މުއްދަތަށް އިންޑިއާ ސަރުކާރުން އިތުރުކޮށްދީފައިވާ ކަމަށެވެ. އަދި އެ 50 މިލިއަން ޑޮލަރު އިތުރު އަހަރަކަށް ރޯލްއޯވާ ކޮށްފައިވަނީ، އިތުރު އިންޓްރެސްޓެއް ވެސް ނާރާ ގޮތަށް ކަމަށެވެ.
އެސްބީއައި އަށް ވިއްކާފައިވާ ޓީބިލުގެ ތެރެއިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ދައްކަންޖެހިފައި އޮތް 50 މިލިއަން ޑޮލަރު ވެސް އިންޑިއާއިން ވަނީ ފަސްކޮށްދީފަ އެވެ. އެ 50 މިލިއަން ޑޮލަރު ދެން ދައްކަންޖެހޭނީ އަންނަ ސެޕްޓެމްބަރު މަހު އެވެ.
މީގެއިތުރުން މި ޓީބިލުތައް ދެއްކުން ފަސްކޮށްދިނުމުގެ އިތުރުން، އިންޑިއާ ސަރުކާރުން ވަނީ ރާއްޖޭގެ ރިޒާވް ރަނގަޅު ކުރުމަށް ކަރަންސީ ސްވޮޕް ފެސިލިޓީއެއް ވެސް ހަމަޖައްސައިދީފައެވެ.




