ދަރިވަރުންގެ ލޯނު ފައިސާ އަނބުރާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށާއި އެގޮތުން 60 އިންސައްތަ ދަރިވަރުން ލޯނަށް ފައިސާ ނުދައްކާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ހައިދަރު މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން، ދަރިވަރުންގެ ލޯން ސްކީމާ ގުޅޭ ގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މި އަހަރުގެ ޖެނުއަރީން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށް 157 މިލިއަން ރުފިޔާ ލޯނު ފައިސާގެ ގޮތުގައި ދޫކޮށްފައިވާ ކަމަށެވެ.
ލޯނަށް ފައިސާ ދެއްކުމުގައި ބޮޑެތި މައްސަލަތައް ހުރިކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ ފައިސާ އަނބުރާ ދައްކަމުންދަނީ ގާތްގަނޑަކަށް %40 މީހުން ކަމަށާއި ގާތްގަނޑަށް %60 މީހުން ލޯނަށް ފައިސާ ނުދައްކާ ކަމަށެވެ.
އެއީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށާއި އެ ފައިސާ ހޯދުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް މަޝްވަރާކޮށް، ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިއަހަރު ވެސް ސަރުކާރުން ވަނީ 500 ދަރިވަރުންގެ ލޯނުގެ ފުރުސަތަށް މިދިޔަ މާޗު މަހު ފަހުކޮޅު ހުޅުވާލާފައެވެ. ކުރިމަތިލުމަށް ދިން ސުންގަނޑި މިދިޔަ މަހު 30އަށް ވަނީ ހަމަވެފަ އެވެ.




