ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ލަފާކޮށްފިއެވެ.
އެގޮތުން މެޓް އޮފީހުން ބުނީ ބޮޑަށް ވިއްސާރަ ކުރާނީ ދެކުނުގެ ރަށްތަކަށް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މީގެއިތުރުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން ވެސް އެކަށީގެންވާ ކަމަށެވެ.
މެޓް އޮފީހުގެ ރިކޯޑުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ފުވައްމުލައް ސިޓީއަށެވެ. ފުވައްމުލަކަށް 47.0 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން އިތުރަށް ބުނެފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ. ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ބުންޏެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ މާދަމާއިން ފެށިގެން އަލިކުރާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.



