ރާއްޖޭގެ ފަތުރުވެރިކަމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ސަންލޭންޑް ހޮޓެލްސްގެ ޑިރެކްޓަރު މުހައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) ގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މިރޭ ޢިޝާ ނަމާދަށްފަހު، އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ސަންލޭންޑް ނަޒީރު އަވަހާރަވީ އާލާސްކަންފުޅެއްގައި އުޅުއްވާތާ ގިނަ ދުވަސްތަކެއްވީ ފަހުން މި މަހުގެ 11 ވަނަ ދުވަހުގެ ރޭ އިނގިރޭސިވިލާތުގައެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 66 އަހަރެވެ.
ފަތުރުވެރިކަމުގެ ވިޔަފާރި ނަޒީރު ފައްޓަވާފައިވަނީ، ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާ ފަށައިގަތް ދުވަސްވަރުގައެވެ. އޭނާ އެ މަސައްކަތް ފެއްޓެވީ، އާއިލީ ވިޔަފާރިއެއްގެ ގޮތުގައި ހިންގި ޓްރެވަލް އެޖެންސީއަކުންނެވެ.
އޭގެފަހުން 90ގެ އަހަރުތަކުގައި ފަތުރުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކުން ރިސޯޓު ތަރައްޤީ ކުރުމަށް ސަރުކާރުން ބީލަމަށް ހުޅުވާލުމުން، ބީލަން ކާމިޔާބު ކުރައްވައި މަކުނުދޫގެ ނަމުގައި ފުރަތަމަ ރިސޯޓު ނަޒީރު ހުޅުވިއެވެ.
ހިއްސާދާރެއްގެ ގޮތުގައި ނަޒީރު ހުންނަވާ ސަންލޭންޑް ހޮޓެލްސްއަކީ ލަގްޒަރީ ރިސޯޓު ބްރޭންޑެއް އުފެއްދި ފުރަތަމަ ދިވެހި ކުންފުންޏެވެ. އެއީ ދެ ރިސޯޓް މިހާރު ވެސް ހިންގާ ކޮކޯ ކަލެކްޝަން ބްރޭންޑެވެ.
ސަންލޭންޑު ނަޒީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ނަޒީރުގެ ފުރާނަފުޅަށް މާތް ﷲ ގެ ހެޔޮ ރަޙްމަތްލެއްވުން އެދި ދުޢާ ކުރައްވައި، ނަޒީރުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ.




