ރާއްޖޭގެ އެންމެ މަތީ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވާން ޖެހޭނީ ނަޒާޙަތްތެރި ބަޔަކަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ޢަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު އަޒާން ވިދާޅުވީ ދިވެހިރާއްޖޭގައި ”ފުލުސް ކޯޓު“ ހަދައިގެން ރައްޔިތުން ޖަލަށްލީ ޒަމާނެއް ވެސް ގޮސްފި ކަމަށެވެ.
އޭގެފަހުން މިހާރު ވެރިކަން ކުރަމުން މިދަނީ، އައު ޤާނޫނު އަސާސީއެއް ހަދައިގެން ވެރިކަމުގެ ބާރާއި، ފަނޑިޔާރުގޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބާރު (3 ބާރު) ވަކިކޮށްގެންކަން ވެސް މެންބަރު އަޒާން ފާހަގަ ކުރެއްވިއެވެ.
”އެހެންނަމަވެސް އެ ޤާނޫނު އަސާސީ ވުޖޫދުވީ ފަހުން، ކޮންމެ ވެރިކަމެއްގައި ވެސް އަޅުގަނޑުމެންނަށް ފެނުނީ ފަނޑިޔާރުގެއަށް އަތް ބާނާތަން، ޖުޑިޝަރީއަށް ނުފޫޒު ފޯރުވާތަން.“ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޒާން ވިދާޅުވިއެވެ.
އެއަށްފަހު މެންބަރު ވިދާޅުވީ ސުޕްރީމް ކޯޓަކީ އިންސާފު ޤާއިމް ކުރުމުގެ އެންމެ މަތީ މަރުހަލާ ކަމަށެވެ. އަދި އެ ކޯޓުގައި ތިއްބަވަން ޖެހޭނީ ނަޒާޙަތްތެރި ފަނޑިޔާރުން ކަމަށާއި އެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ކުރިމަތިވެއްޖެނަމަ އެކަންތައްތައް ބަލަން ޖެހޭނެ ކަމަށެވެ.




