ޙަޤީޤީ މާނާގައި ރައްޔިތުން ބާރުވެރިކުރެވިގެންދާނީ އިންތިޚާބީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އެ މަޤާމުތަކުން ދުރުކުރުމުގެ ބާރުވެސް، ރައްޔިތުންގެ އަތް މައްޗަށް ލިބުމުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ، ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑްގައި، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވަން ގަސްތުކުރައްވާ ބައެއް އިސްލާޙުތަކާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި، ވަކި ޤައުމެއްގައި ކަން ކުރާ އުސޫލުން ކަންކަން ކުރަން ނުޖެހޭ ކަމަށާ، އެއަށްވުރެ މާ ރަނގަޅަށް، ސީދާ ރައްޔިތުންގެ ބާރުވެރިކަން ވަރުގަދަކުރެވި، ޔަޤީންކަމާއި ކަށަވަރުކަން އިތުރުވާ ގޮތަށް އަޅުގަނޑުމެންނަށް ކަންކަން ބައްޓަން ކުރެވޭނެ ކަމުގައި ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން އެކުއެކީގައި ކުރިއަށް ގެންދިއުމުގެ ފައިދާ، ދިވެހިރާއްޖެ ފަދަ ޤައުމަކަށް ބޮޑުކަން ފާހަގަކުރެއްވިއެވެ.
ހަމަމިއާއެކު، ރިޔާސީ އިންތިޚާބުގެ ވޯޓަކީ ޕްރިފަރެންޝަލް ވޯޓިންގް ނިޒާމުގެ ތެރެއިން ބައްޓަންކުރެވޭ ވޯޓަކަށްވުމަށް ވަކާލާތުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިބަދަލާއެކު މިހާރު އޮންނަގޮތަށް، 2 ވަނަ ބުރުގެ ވޯޓަކަށް ދާންނުޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަންކަން މި ގޮތަށް ނިންމުމުން ޚަރަދު ކުޑަވެ، އެފިޝަންސީ އިތުރުވާ ކަމަށާ، ނަމަވެސް މިކަން ނިންމަވާނީ އަޅުގަނޑުމެންގެ ތެރޭގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޕްރިފަރެންޝަލް ވޯޓިންގް ނިޒާމުގެ ސަބަބުން، އެންމެ ގިނަ ރައްޔިތުންގެ ބައިވެރިވުމާ އެކީގައި، އެ ރައްޔިތުން ބޭނުންވާ ކެންޑިޑޭޓަކު ހޮވުމުގެ ފުރުޞަތު މާބޮޑުވާކަމަށް ޤަބޫލުކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އާބާދީގެ ނިސްބަތުން ރައްޔިތުން ތަމްސީލުކުރާ މެންބަރުންތަކެއްގެ މައްޗަށް ރައްޔިތުންގެ މަޖިލިސް އެކުލަވައިލަމުންދާ ދިއުމުގެ ސަބަބުން ދައުރަކަށްވުރެ ދައުރެއް، މެމްބަރުންގެ ޢަދަދު އިތުރުވަމުންދާ ދިއުމަށް އިތުރު ގޮތެއް ހޯއްދެވުމުގައި އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅުވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޕޮޑްކާސްޓްގައި ޙިއްޞާކުރައްވާފައެވެ. ރައްޔިތުންގެ ރިޕްރެޒެންޓޭޝަން އިތުރުކުރުމަކީ، ޑިމޮކްރަސީގައި ހަމަ ރަނގަޅު ކަމެއް ކަމުގައި ޤަބޫލުފުޅުކުރައްވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، 93 އަށް އަރާފައިވާ މަޖިލީސް މެމްބަރުންގެ ޢަދަދު، އެއަށްވުރެ އިތުރު ނުވާނެ ގޮތަކަށް ޤާނޫނު ބަދަލުކުރުމަށް ހުށަހަޅުއްވާފައެވެ.



