އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)ގެ އޮފީހުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އޮފީހުގައި މަސައްކަތް ކުރެވެން ނެތުމުން، އެ ކޮމިޝަންގެ މުވައްޒަފުން ގެއަށް ފޮނުވާލައި، އައިކޮމްގެ މަސައްކަތްތައް އޮންލައިންކޮށް ކުރިއަށްގެންދަން ނިންމައިފިއެވެ.
އައިކޮމްގެ އޮފީސް ހިންގަމުންދާ ގ. ބިއްލޫރިޖެހިގޭ އިމާރާތުގެ ހާލަތާ ގުޅޭ ގޮތުން އެ އޮފީހުން ވަނީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެގޮތުން އައިކޮމް އިން މިދިޔަ މާރިޗް މަހު ނެރުނު އަހަރީ ރިޕޯޓުގައި ވެސް ވަނީ އެ އޮފީހުގައި ފޫ ޖަހައި، ސިއްހަތަށް ނުރައްކާވާ ހާލަތުގައި ހުންނަތާ އެތައް އަހަރެއް ވެފައިވާކަން ފާހަގަ ކޮށްފައެވެ. އަދި އިންފޮމޭޝަން ކޮމިޝަނާ އަޙްމަދު އާހިދު ރަޝީދު އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވަނީ، އެ އޮފީހުގެ ފާޚާނާ ވެސް ބޭނުން ނުކުރެވޭ ކަމަށާއި މުވައްޒަފުން މިހާރު އޮފީހުގައި މަސައްކަތްކުރަނީ ދަންފަޅިތަކަށް ބަހާލައިގެން ކަމަށް ވިދާޅުވެފައެވެ. އޭގެ ސަބަބުން ބައެއް ބައްދަލުވުންތައް ވެސް އޮންލައިންކޮށް ބާއްވަންޖެހޭކަން އާހިދު ފާހަގަ ކުރައްވާފައިވެއެވެ.
މިއަދު އައިކޮމްއިން ނެރުނު ދެންނެވުމެއްގައި ވަނީ، އެ އޮފީސް ހިންގާ އިމާރާތުގެ ހާލަތު ހުރި ގޮތުން އޮފީހުގައި މަސައްކަތް ކުރެވޭ މާހައުލެއް ނެތުމުން މާދަމާއިން ފެށިގެން މަސައްކަތްތައް ހިންގަމުންދާނީ އޮންލައިންކޮށް ކަމަށާއި އޮފީހުގެ އެއްވެސް ކަމަކާ ގުޅޭ ގޮތުން މައުލޫމާތެއް ސާފުކުރަން ބޭނުން ނަމަ، 3010990އަށް ގުޅުމަށެވެ.


