ގުޅީފަޅުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމާއި، މަގު ހެދުމުގެ މަސައްކަތް މާލަސްތަކެއް ނުވެ ފެށިގެންދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު މުއްތަލިބް ވިދާޅުވީ ގުޅީފަޅުގެ މި މަޝްރޫއުތަކަށް ކުރިން ސޮއިކޮށްފައިވަނީ އީޕީސީ ޕްލަސް ފައިނޭންސް ކޮންޓްރެކްޓެއްގެ ދަށުން ކަމަށެވެ. އެއްބަސްވުމުގައިވާ ގޮތުން މަސައްކަތް ފެށޭނީ ފައިނޭންސް ހަމަޖެހިގެން ކަމަށްވީ ނަމަވެސް، ރާއްޖޭގެ މާލީ ހާލަތު މިވަގުތު އޮތް ގޮތުން ކޮންޓްރެކްޓަރަށް ފައިނޭންސް ހަމަޖައްސައި ނުދެވިގެން މަސައްކަތް ލަސްވެފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”އާރްޑީސީއަށް ވަރަށް ގިނަ ވެހިކަލްތައް ވެސް ގެނެސްފި. އެހެންވީމަ އާރްޑީސީ މެދުވެރިކޮށް ގުޅީފަޅުގެ ފެނާއި ނަރުދަމާ އާއި މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނަން،“ކަމަށެވެ. ސަރުކާރުގެ ވިސްނުމަކީ ބޭރުގެ ފައިނޭންސް ނުލިބުނު ކަމުގައި ވިޔަސް، ދައުލަތުގެ ބަޖެޓުގެ ތެރެއިން މި މަސައްކަތް ކުރިއަށް ގެންދިއުން ކަމަށްވެސް ވިދާޅުވިއެވެ.
ލސަރުކާރުން ނިންމާފައި ވަނީ ގުޅީފަޅުން ޖުމްލަ 2,438 ގޯތި ދޫކުރުމަށެވެ. މީގެ ތެރޭގައި ގިރާވަރު ފަޅުން ގުޅީފަޅަށް ބަދަލުކުރި ގޯތިތައް ވެސް ހިމެނެއެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ މި ގޯތިތަކުގެ ބިންތައް ވެރިފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 169 މީހުންނަށް ވަނީ ގޯތި ހަވާލުކޮށްފައެވެ. އަދި ގޯތީގެ އެއްބަސްވުމުގައި 2,972 މީހުންނާއެކު މިހާތަނަށް ސޮއިކޮށްފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މައުލޫމާތު ދެއެވެ.



