ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މާދަމާ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ކުރުން އެކަށީގެންވެއެވެ.
މެޓުން ބުނީ، ޚާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވިއްސާރަވާނެ ކަމަށް ބެލެވޭ ކަމަށެވެ. މީގެ އިތުރުން ދެކުނުގެ އަތޮޅުތަކަށްވެސް ކެރީގެ އަސަރު ކުރާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. ކުރިއަށް އޮތް ހަފުތާ ބަންދުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރަމުންދާނެ ކަމަށް މެޓް އޮފީހުން މަޢުލޫމާތު ދެއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ވިއްސާރަ ކުރި ނަމަވެސް، އާންމު ގޮތެއްގައި ވައި މަޑުވެފައި ކަނޑުތައްވެސް މަޑުވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. ނަމަވެސް ވިލާގަނޑުގައި ވަޔާއި ކަނޑު ގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ. އާންމު ގޮތެއްގައި ވައި ޖެހޭނީ ގަޑިއަކު 3 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އެހެންނަމަވެސް ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.
މެޓް އޮފީހުން އިތުރަށް ބުނީ، ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް ގުގުރުމުގެ އަސަރު ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.




