ހދ. ކުޅުދުއްފުށީ ޕޯޓް އެކްސްޓެންޝަން މަޝްރޫއުގެ މަސައްކަތްތައް ކުރުމަށް އިކޮނޮމިކް މިނިސްޓްރީއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި މަޝްރޫއުގެ ދަށުން ތަރައްޤީ ކުރެވޭ ބަނދަރަކީ ރާއްޖޭގެ ސަރަހައްދީ ބަނދަރުތައް ތަރައްޤީކޮށް ދަތުރުފަތުރުގެ ވިއުގަ އަކުން ރަށްތައް ގުޅާލައި، އަތޮޅުތެރޭގެ ވިޔަފާރި ކުރިއެރުވުމަށް ރައީސުލްޖުމަހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދީގެން ތަރައްޤީ ކުރުމަށް ރާވާފައިވާ ބަނދަރެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑީސީޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާން އެވެ.
މި މަޝްރޫއުގެ އަމާޒަކީ ހއ. ހދ. ށ. ނ އަދި ވަށައިގެންވާ ރަށްތަކަށް ހިދުމަތް ލިބޭނެހެން ކުޅުދުއްފުށީގައި އުތުރުގެ ރަށްތަކަށް ޚާއްސަކޮށް ލޮޖިސްޓިކަލް ހަބްއެއް ތަރައްޤީ ކުރުން ކަމުގައި އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.
ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މަޝްރޫއު ދަށުން ކުޅުދުއްފުށީ ބަނދަރުގެ ކެޕޭސިޓީ އިތުރުކޮށް، ކާގޯ ހޭންޑްލިންގް ސިސްޓަމްތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް އަދި ރައްޔިތުންނަށް ބޭނުންވާ މުދަލުގެ ބާވަތްތަކުގެ އިތުރުން ތަރުކާރީއާއި މޭވާ ފަދަ އަވަހަށް ހަލާކުވާ ބާވަތްތައް ތާޒާކަންމަތީ ރައްކާތެރިކަމާއެކު ބެހެއްޓޭނެފަދަ ވަސީލަތްތައް ގާއިމު ކުރުމަށް ވެސް ވަނީ ރޭވިފައެވެ.




