އުންމީދީ މަސައްކަތްތަކެއް ކުރައްވަން ދެއްވި ފުރުސަތަށްޓަކައި ފަސްޓްލޭޑީ، މެޑަމް ސާޖިދާ މުހައްމަދު މެރކް ފައުންޑޭޝަނަށް ޝުކުރު އަދާ ކުރައްވައިފިއެވެ.
މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވްގެ 7 ވަނަ ސަމިޓު ޝަރަފުވެރިކޮށްދެއްވުމަށް، މެޑަމް ސާޖިދާ ޔުނައިޓަޑް ޢެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވީ އިއްޔެއެވެ.
މި ހިނގާ ޖޫން މަހުގެ 18 އިން 19 އަށް ކުރިއަށްދިޔަ މި ސަމިޓުގެ އިފްތިތާޙީ ސެޝަން އަދި ކޮމިޓީ ބައްދަލުވުމުގައި އެ ކަމަނާ ބައިވެރިވެވަޑައިގެން، ވަނީ ވާހަަކަ ދައްކަވާފައެވެ.
މިކަމާ ގުޅޭގޮތުން މެޑަމް ސާޖިދާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޖުތިމާއީ އެކިއެކި ކަންބޮޑުވުންތަކާ ގުޅޭގޮތުން، ޚާއްސަކޮށް ސިއްހީ ދާއިރާއާ ގުޅޭގޮތުން މެރކް ފައުންޑޭޝަނާއެކު މުސްތަޤުބަލުގައި ވެސް ވާހަކަފުޅު ދެއްކެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މެޑަމް ސާޖިދާ ވަނީ މިފަދަ ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތަށާއި، ކިޔުއްވި ހޫނު މަރުހަބާއާއި ދެއްވި މެހެމާންދާރީއަށް ޝުކުރު އަދާ ކުރައްވާފައެވެ.
މި އަހަރުގެ ސަމިޓުގައި އެފްރިކާ އަދި އޭޝިޔާ ބައްރުގެ 14 ޤައުމެއްގެ ފަސްޓް ލޭޑީސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ދަރިމައިވުމުގެ ސިއްޙަތާ ގުޅުންހުރި ތަޢައްޞަބުތައް ނައްތާލުމާއި، އަންހެންކުދީންނަށް ތަޢުލީމުދިނުމަށް އެއްބާރުލުންދިނުމާއި، އަންހެނުން ބާރުވެރިކުރުމާއި، ޞިއްޙީ ދާއިރާގެ މާހިރުން ލިބުމުގައި ހުރި ދަތިކަން ފޫބެއްދުމަށްޓަކައި، އެ ދާއިރާއިން ޤާބިލުކަން އިތުރުކުރުމުގެ މައްޗަށް މި ސަމިޓުގައި މަޝްވަރާކުރެވިފައިވެއެވެ.




