ޗައިނާގެ ސޫޗައު ޔުނިވާސިޓީގެ ކުޑަކުދިންގެ ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.
ދަރުމަވަންތަ ހިންގާ ސަރުކާރުގެ މައި ހޮސްޕިޓަލު ކަމަށްވާ އައިޖީއެމްއެޗްއިން މިއަދު ”އެކްސް“ ގައި ބުނީ ސޮއިކުރެވުނު މި އެމްއޯޔޫއަކީ ރާއްޖޭގައި ކުޑަކުދިންގެ ސާޖިކަލް ކެއާގެ ހިދުމަތް ރަނގަޅުކުރަން އެޅޭ މުހިއްމު ފިޔަވަޅެއް ކަމުގައެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއަރުވަން އެއްބާރުލުން ދިނުމުގެ ކަންކަން ވެސް މި އެމްއޯޔޫގައި ހިމެނޭ ކަމަށް ވެސް އައިޖީއެމްއެޗް އިން ބުނެފައިވެއެވެ.
މީގެއިތުރުން ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާއި އެ ދާއިރާއިން ތަމްރީނުވާ ފަރާތްތަކަށް ލިބިފައިވާ މައުލޫމާތުތައް ހިއްސާކޮށް، މި އެމްއޯޔޫގެ މަގްސަދަކަށް ވާނީ ދިވެހި ކުޑަ ކުދިންގެ ދިރިއުޅުން އިތުރަށް ރަނގަޅުކޮށްދިނުން ކަމުގައި ވެސް އައިޖީއެމްއެޗުން ބުނެފައިވެއެވެ.
ޗައިނާގެ ހޮސްޕިޓަލަކާ އެކު ކުޑަކުދިންގެ ސާޖިކަލް ކެއާގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާއިރު ވިލިމާލޭގައި އިމާރާތްކުރާ ޓާޝަރީ ހޮސްޕިޓަލު ހަދަނީ ވެސް ޗައިނާގެ ހިލޭ އެހީގެ ދަށުންނެވެ.


