މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެތެރޭގައި ސޯމާލިއާގައި 88،000 އަށްވުރެ ގިނަމީހުންގެ ގެދޮރުގެއްލި ހާލުގައި ޖެހިފައިވާކަމަށް އދ އިން ބުނެފި އެވެ.
އދ ގެ ރެފިއުޖީންނާ ބެހޭ ހައިކޮމިޝަނަރު ސޯމާލިއާގެ ވެރިރަށް މޮގަދިޝޫގައި އާންމުކުރައްވާފައިވަ ބަޔާނެއްގައި ވިދާޅުވެފައިވަނީ މިއަހަރުގެ ފުރަތަމަ ތިން މަސްތެރޭ މިހާ ގިނަ އަދަދެއްގެ މީހުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވަނީ އެގައުމުގެ ދާޚިލީ ހަމަނުޖެހުންތަކާއ، މޫސުމީ މައްސަލަތަކާއި ހުރެ ކަމަށެވެ. އެގޮތުން އެގައުމަށް މިދިޔަ އަހަރުގެ ފަހުކޮޅު ކުރިމަތި ފެންބޮޑުވުމުގެ ކާރިސާތަކާއި، ހަނަފަސްވުމާއި ގުޅިގެން މަގުމަތިވެފައިވާ މީހުންގެ އަދަދު ގިނަކަމަށް އދ އިން ބުނެފައި ވެއެވެ.
“ގިނަ މީހުން ހާލުގައި ޖެހިފައި މިވަނީ ދާޚިލީ ހަމަނުޖެހުންތަކާއި،މިދިޔަ އަހަރުގެ އޮކްޓޯބަަރުން ފެށިގެން ޑިސެންބަރުމަހާއި ދެމެދު ވިއްސާރަވެ، ފެންބޮޑުވުން ދިގުލައިގެން ދިއުމުގެ ސަބަބުން. ސިޔާސީ އެތެރޭގެ ހަމަނުޖެހުން ކުރިޔަށްދާނަމަ، މިހާރު މިއޮތް ނާޒުކު ހާލަތުގައި ސަލާމަތަށް އޮތް ނުރައްކާ ވަރަށް ބޮޑު.” އދ ގެ ބަޔާނުގައި ވެއެވެ.
އދ ގެ ބަޔާނުގައި ބުނެފައިވަނީ އެގައުމުގެ ސަރުކާރާއި، ވަކި ވަކި ސްޓޭޓްތަކާ ދެމެދު އުފެދިފައިވާ ސިޔާސީ ޚިލާފުތަކަށް ސުލްހަވެރިގޮތެއްގައި ނިމުމެއް ނުގެނެސްފިނަމަ އަދި ހަނގުރާމަވެރި ގްރޫޕެއްކަމަށްވާ އަލް-ޝަބާބްގެ އަމަލުތައް ނުހުއްޓުވައިފިނަމަ، މަދަނީންނަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެގެން ހިނގައިދާނެކަމަށެވެ. އަދި އެގައުމުގެ އިންސާނީ ހައްގުތަކުގެ ހާލަތު މިހާރު އޮތްގޮތަށް ބަލާނަމަ، އަދި ފެންނަނީ ވަރަށް ބަނަކޮށް ކަމަށާއި، ހާލަތު ބަދަލުނުކޮށްފިނަމަ އިންސާނީ ބޮޑު މުސީބާތަކާއި ކުރިމަތިލާންޖެހިދާނެކަމުގެ ބިރު އެބައޮތްކަމަށް އދ އިން ބުނެފައި ވެއެވެ.